ޚަބަރު
ކުރީގެ މެންބަރު މުޙައްމަދު ދޫކޮށްލަން ކޯޓުން މިއަދު ވެސް އަމުރުކޮށްފި
ރޭ ފުލުހުން ނިކުމެ ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލު ބަންދުން ދޫކޮށްލަން ކޯޓުން އަމުރުކޮށްފިއެވެ.

މުހައްމަދު އިސްމާއީލް އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހެވެ. އެހެން ނަމަވެސް އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

މުހައްމަދު އިސްމާއީލް ދެ ވަނަ ފަހަރަށް ރޭގެ ވަގުތެއްގައި ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ރޭ ވިދާޅުވި އެވެ. 

ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ދެންމެ ވިދާޅުވީ، މުހައްމަދު އިސްމާއިލް ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައި ވަނީ ޖިނާއީ ކުށެއް ކުރިކަމަށް ފުލުހުންނަށް ހެކި ނުދެއްކުމުން ކަމަށެވެ.

ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ފުލުހުންނާއި ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވިއެވެ. މިގޮތުން "އިންޑިއާ އައުޓް" ހަރަކާތް ހިންގުމުގެ ހަރަކާތުގެ ތެރެއިން ވަކި މީހަކަށް އަނިޔާވެރިވުމަށް ގޮވާލާ، ނުވަތަ ވަކި މީހަކަށް މުހައްމަދު އިސްމާއިލް އަނިޔާވެރިވެފައި ވޭތޯ ސުވާލު ކުރިއެވެ.

ފުލުހުން ވަނީ އެފަދަ ކަމެއް ކޮށްފައިވާ ކަމެއް ފާހަގަ ނުކުރެވޭ ކަމަށް ބުނެފައެވެ.

މުއްދަތު މަޖިލީހުގައި ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ އެ ބޭފުޅާ އަކީ ދުވަހަކުވެސް މީހަކަށް އަނިޔާވެރިވި އަދި އަނިޔާވެރިވުމަށް ގޮވާލި ފަރާތެއް ނޫން ކަމަށެވެ.

މައްސަލައިގެ ގޮތެއް ނިންމަމުން މައްސަލަ ނިންމެވި ފަނޑިޔާރު ވިދާޅުވީ ޖިނައީ ތުހުތަމެއްގައި މީހަކު ބަންދުގައި ބަހައްޓަން ބޭނުންވާނެ ހެކީގެ އެންމެ ދަށް މިންގަނޑުންވެސް ހެކި މުހައްމަދު އިސްމާއިލް އާއި ދެކޮޅަށް ހުށަހެޅިފައި ނުވާކަމަށެވެ. އަދި ޤާނޫނުލް އުޤޫބާތުގެ ދަށުން ޖިނާއީ ކުށްތަކަކަށް ތުހުމަތުކޮށްފައިވާއިރު އޭގެއިން އެއްވެސް ކުށެއް މުހައްމަދު އިސްމާއިލް ކޮށްފައިވާކަމަށް ކޮންމެވެސް މިންވަރަކަށްވެސް ހެކި ހުރިކަމަކަށް ގަބޫލު ނުކުރެވޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިނުގައި ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށް ތަންފީޒު ކުރާ އިދާރާތަކަށް އަންގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ ގަރާރެއް ވެސް ނެރުއްވައިފަ އެވެ. ފުލުހުން އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުން ދަނީ އެ ގަރާރަށްފަހެވެ.

ރައީސްގެ ރިޔާސީ ގަރާރުން އެއްވެ އުޅުމުގެ މިނިވަންކަން ހަނިވާ ކަމަށް ބުނެ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާ އިން ވަނީ އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރާއިރު އެ ހާލަތަކަށް ބެލުމަށް ފަހު ގާނޫނުގައި ބުނެފައިވާ ވަރަށް އެކަން ކުރުމަށް ގޮވާލާފަ އެވެ.

އިދިކޮޅުން ވެސް ބުނާ ގޮތުން ރައީސްގެ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު ގަރާރެކެވެ. އިދިކޮޅުން ހިންގާ އެ ކެމްޕޭނަކީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާއި އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް ހިންގާ ކެމްޕޭނެކެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު