ޚަބަރު
ނަބިއްޔާގެ ދިފާއުގައި ކަމަށް ބުނެ ސިޔާސީ މަންފާ ހޯދާ: އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ސިޔާސީ އެއްވުމެއްގައި ބައިވެރިވަނީ
އިސްލާމް ދީނާއި ލޮބުވެތި ނަބިއްޔާގެ ދިފާއުގައި ކަމަށް ބުނެ ރާއްޖޭގެ ދާހިލީ ހަމަޖެހުން ނަގައިލެވޭ މޭރުމަކުން، ބައެއް ފަރާތްތަކުން ސިޔާސީ މަންފާއަށްޓަކައި ހިންގާ ހަރަކާތްތަކުގެ މަޅީގައި ނުޖެހުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ގޮވައިލައިފި އެވެ.

އެ މިނިސްޓްރީން ދެންމެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ދައުލަތުގެ އިސްވެރިންނާއި ރާއްޖޭގައި ތިއްބެވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެން ކުރިއަށް ގެންދިޔަ ހަރަކާތަށް އަމާޒުކޮށް މުންކަރާތް ނަހީ ކުރުމުގެ ނަމުގައި ހިންގާފައިވަނީ ވަރަށް ނާތަހުޒީބު ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށެވެ.

އިސްލާމްދީނަށް ނަސްރު ދިނުމުގެ ނަމުގައި ހަރުކަށިކަން އިސްކޮށް އަނިޔާވެރި ކަމަށް ގޮވާލާ މީސްތަކުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންްގާ މިފަދަ އަމަލުތަކަކީ އިސްލާމްދީން ދަސްކޮށް ދެއްވި ރިވެތި އުސޫލުތަކާ މިންގަނޑުތަކުން ބޭރުން ހިންގާ އަމަލުތަކެއް ކަމަށްވެސް ބުންޏެވެ.

މިނިސްޓްރީގެ ބަޔާނުގައި ވަނީ އިސްލާމްދީނާއި ނަބިއްޔާގެ ދިފާއުގައި ކަމަށް ބުނެ ދާހިލީ ހަމަޖެހުން ނަގާލެވޭ މޭރުމުން ބައެއް ފަރާތްތަކުން ހަރަކާތްތަކެއް ހިންގަމުންދާ ކަަމަށާ އެކަމުގެ މަޅީގައި ނުޖެހުމަށް ގޮވާލާފައެވެ. އެއީ އެއްވެސް އިހުލާސްތެރިކަމެއް ނެތި ސިޔާސީ މަންފާއަށް ހިންގާ ހަރަކާތްތަކެއް ކަމަށްވެސް ބުންޏެވެ.

"... އަދި ބައެއް ފަަރާތްތަކުން ދިވެހީންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި ސިޔާސީ މަގުސަދެއްގައި ބޭނުން ކޮށްގެން ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދަމުން ދާކަން ހަނދުމަކޮށްދެމެވެ. އެހެން ކަމުން މިފަދަ ކަންކަމާއި މެދު ދީނީ އިލްމުވެރިންނާއި މުއައްސަސާތަކުން އިތުރަށް ސަމާލުވެ މުޖްތަމައުގެ މަސްލަހަތު އިސްކޮށް ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރަން އިލްތިމާސް ކުރަމެވެ،" 

މިނިސްޓްރީން ވަނީ މިފަދަ ކަންކަމާއި މެދު ދީނީ އިލްމުވެރިންނާއި މުއައްސަސާތަކުން އިތުރަށް ސަމާލުވެ، މުޖްތަމައުގެ މަސްލަހަތު އިސްކޮށް، ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރުމަށް އިލްތިމާސް ކޮށްފައެވެ.

މިއަދު ހެނދުނު ގަލޮޅު ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސްއަޅައި ހިންގީ ނާތަހުޒީބު އަދި ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެ ބަޔާނެއް ނެރުނުއިރު އެ ތަނުގައި ހިންގީ ހިންދޫ ދީނުގެ މީހުން އަޅުކަމެއްގެ ގޮތުގައި ދެކޭ ޔޯގާގެ ހަރަކާތެއްކަން ބަޔާނުގައި އެއްގޮތަކަށްވެސް ފާހަގަކޮށްފައެއް ނުވެއެވެ.

ޔޫތު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ބޭއްވި ހަރަކާތައް ހުރަސްއެޅި މައްސަލައިގައި ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވާ ދިދަތައް ހިފައިގެން ތިބި މީހުން ހިންގި ހަމަނުޖެހުމަށް ބައެއް އާލާތްތައް ގެންދިޔައީ އިދިކޮޅު ޕީޕީއެމްގެ އޮފީހުން ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެ ޕާޓީން އެ ކަން ދޮގުކުރެ އެވެ.

އެ ހަމަނުޖެހުން ފޮރިން މިނިސްޓްރީން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ހަމަނުޖެހުން ހިންގި މައްސަލައިގައި ޒިންމާވާ މީހުން ވަރަށް އަވަހަށް ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު