ށ. މިލަންދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ޙަވާލުކޮށްފައިވަނީ ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ މިއަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މިލަންދޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ހައުސިންގ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ނަސީމެވެ. އަދި ފްލެކްސިންކްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ނަޖާހް ޝަރީފެ އެވެ.ފްލެކްސިންކް ކުންފުނިން އަމިއްލަ އަށް ހައުސިން ޔުނިޓްތައް ޑިޒައިންކޮށް އަދި އިމާރާތް ކުރާ ގޮތަށް ހަވާލުކޮށްފައިވާ މިމަޝްރޫއު 270 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ. މަޝްރޫއުގެ އަގަކީ 46 މިލިއަން ރުފިޔާ އެވެ.
މިމަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިންނެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މިލަންދޫގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓް ހުންނާނެ ކަމަށެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނެ އެވެ.