
އުތުރުގެ ހަތަރު އަތޮޅަކަށް ރައީސް ޑރ. މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިލަންދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގަންނަވަނީ ވައުދު ފުއްދަން ކަމަށެވެ. އެހެންވެ، ރަށުގެ ރައްޔިތުންގެ ކުރިމަގާއި ތަރައްގީއަށް ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށާއި ރަށުގައި ކުރަން ހުރި ކަންތައްތަކުގެ ތެރެއިން އެކަކުން 10 އަށް ވެސް އޮތީ އެއާޕޯޓު ކަމަށް ރައީސް ވިދާޅުވިއެވެ."ތިޔަބޭފުޅުން ބޭނުން ވަނީ އެންމެ ވާހަކައެއް އަޑު އަހަން. އެއީ ލިސްޓުގެ އެކަކުން 10 އަށް ވެސް އޮތީ އެންމެ ވާހަކައެއް. އެހެންވީމަ އެ ވާހަކަ އެކަނި ދައްކާލަން ފަސް މިނެޓެއް ބޭނުމެއް ނުވާނެ." ރައީސްގެ ވާހަކަ ފައްޓަވަމުން ވިދާޅުވި އެވެ."މި ރަށުގެ ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ކޮށްދެއްވާނެ ކަންކަމުގެ ލިސްޓުގެ އެއް ވަނައިން 10 ވަނަ އަށް ވެސް އޮތް އެއާޕޯޓް ޔަގީންކަމާ އެކީގައި އަޅައިދޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދެން." މިލަންދޫގައި އެއާޕޯޓް އެޅުމަކީ ކުރީ ސަރުކާރުގެ ވެސް ވައުދެކެވެ. ނަމަވެސް އެ މަސައްކަތް ކުރިއަކަށް ނުގެންދެ އެވެ. އެރަށުގައި އެއާޕޯޓް އަޅަން ނިންމިއިރު، މި ރަށުން ލޯންޗެެއްގައި 15 މިނެޓުން ދެވޭ ފުނަދޫގައި ވެސް އެއާޕޯޓެއް އޮވެ އެވެ.