ޚަބަރު
ގޮތަބަޔާއަށް ރާއްޖެއިން ހިމާޔަތްދިން މައްސަލަ މަޖިލީހަށް ހުށަހަޅަނީ
ސްރީ ލަންކާގެ ރައީސް ގޮތަޔަބާ ރާޖަޕަކްސަ ސިއްރިއްޔާތުގައި ރާއްޖެ ވަޑައިގަތުމުން ރާއްޖެ އިން އޭނާ އަށް ހިމާޔަތް ދިން މައްސަލަ ބަލަން މޯލްޑިވްސް ނޭޝަނަލް ޕާޓީ(އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.

ގޮތަބަޔާގެ ސަރުކާރާ ދެކޮޅަށް ލަންކާގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ، އާންމުން ރިޔާސީ ގަނޑުވަރަށް ވަދެގަތުމާ އެކު ގޮތަބަޔާ އާއި އޭނާގެ އާއިލާ ރޭ މެންދަމު ވަނީ އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް ދިވެހި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް ދިވެހި ސަރުކާރު އޮތީ މި މައްސަލައިގައި ހިމޭނުންނެވެ. މި މައްސަލައާ ގުޅުން ހުރި، މި ސަރުކާރުގެ އެއްވެސް ވެރިއަކު މީޑިއާ އަށް ޖަވާބުދާރީއެއް ނުވެ އެވެ.

އެމްއެންޕީއިން މިއަދު ބުނީ ގޮތަބަޔާއަށް ހިމާޔަތް ދިނުމުގައި ދިވެހި ސަރުކާރުން އަމަލުކުރި ގޮތް ބެލުމަށް މަޖިލީހަށް ހުށަހަޅަން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމާފައިވާ ކަމަށެވެ.

ގޮތަބަޔާއަށް ހިމާޔަތް ދިން މައްސަލާގައި ދިވެހި ސަރުކާރުން ވަކި އެއްޗެއް ނުބުންޏަސް ބޭރުގެ މީޑިއާތަކުން ބުނާގޮތުން ގޮތަބަޔާ ރާއްޖެ ވަޑައިގަތުމަށް ހުއްދަދިނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަކަށެވެ. އަދި ނަޝީދު ރޭ މެންދަމު އެއާޕޯޓަށް ވެސް ވަޑައިގަތެވެ.

ލަންކާގެ އެއާފޯސް އިން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުތަކާ އެއްގޮތަށް އަދި ޑިފެންސް މިނިސްޓްރީގެ ރުހުން ލިބިގެން ދިވެހިރާއްޖެއަށް ފުރުމަށް އެސްއެލްއޭއެފްގެ މަތިންދާބޯޓެއް ރައީސުލްޖުމްހޫރިއްޔާ ތައްޔާރު ކުރެއްވި ކަމަށެވެ. އަދި އެމަނިކުފާނު އެ ދަތުރުފުޅު ކުރައްވާފައިވާ ކަމަށެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން ފުރަތަމަ އުޅުއްވީ އަވައްޓެރި އިންޑިއާއަށް ވަޑައިގަންނަވަން ކަމަށް އޭއެފްޕީން ބުނެ އެވެ. ރާއްޖެ ވަޑައިގެންނެވީ މިލިޓަރީ ބޯޓެއް އިންޑިއާގައި ޖެއްސުމުގެ ހުއްދަ ވަގުތުން ނުލިބުމުން ކަމަށްވެ އެވެ.

ގޮތަބަޔާ އެންމެ ފުރަތަމަ ވަޑައިގަންނަވަން ބޭނުންވެވަޑައިގެންނެވީ ޑުބާއީއަށް ކަމަށްވެ އެވެ. ނަމަވެސް ވީއައިޕީން ފުރަން ހުއްދަ ނުދީ، އާންމުންނާއެކު ވަޑައިގަންނަވަންޖެހޭނެކަން އެނގިވަޑައިގަތުމުން މަޑުކުރެއްވީ ކަމަށްވެ އެވެ. އެގޮތަށް މަޑުކުރެއްވުމުގެ ސަބަބުން ޑުބާއީއަށް ފުރި ހަތަރު ފްލައިޓު އެމަނިކުފާނަށް ނޭރުނު ކަމަށްވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ސްރީ ލަންކާގެ އާންމުންގެ ވަރަށް ގިނަ ބަޔަކު އެއްވެ ގޮތަބަޔާގެ ގެކޮޅަށް ހިސޯރު ކުރުމުގެ ކުޑައިރުކޮޅެއް ކުރިން އޭނާ ވަނީ އާއިލާއާއެކު ފިއްލަވާފަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު