އަވަހަށް އޮލިމްޕަހުގެ މަސައްކަތް ނިންމުމަށް ކެނޑިނޭޅި މިދަނީ މަސައްކަތް ކުރަމުން: އެންސީއޭ
އިސްމާއިލް ރިޒާ
21 ޖުލައި 2022 - 19:52
0 comments
އޮލިމްޕަސް: އެ ތަން މިހާރު ހުރީ ބަންދުކޮށްފައި - ފައިލް ފޮޓޯ: އަވަސް
އޮލިމްޕަސް މަރާމާތުކޮށް ޒަމާނީ ކުރުމަށް ކުރިއަށްގެންދާ މަސައްކަތް ނިންމައި މިއަހަރުގެ ސެޕްޓެމްބަރުމަހު އެތަން ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސް އިން ވިދާޅުވެއްޖެއެވެ.
މީގެ ކުރިން އެންސީއޭއިން ވަނީ އެ މަސައްކަތް ޖޫން މަހުގެ ފަހުކޮޅަށް ނިމި، އޮލިމްޕަސް އަލުން ހުޅުވާލެވޭނެ ކަމަށް ބުނެފަ އެވެ."...ބައެއް ފަރާތްތަކަށް މަސައްކަތް ނުކުރެވިފައިވަނީ، ކޮވިޑް-19 އާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން މުދާ އުފުލާ ބޯޓު ފަހަރުގެ ދަތުރުތަކަށާއި ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުންނާއި ތަކެތީގެ އަގު އުފުލި، މަޝްރޫއުގެ ބަޖެޓުގެ ތެރެއިން ގެނެވޭ ވަރަށް ވުރެ ތަކެތީގެ އަގުބޮޑުވުމާ ގުޅިގެން،" އެންސީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.އެ ސަބަބަށްޓަކައި ލަސްތަކެއް ވީނަމަވެސް، ވީހާވެސް އަވަހަށް އޮލިމްޕަހުގެ މަސައްކަތް ނިންމުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް ވެސް އެންސީއޭއިން ބުނެފައިވެ އެވެ.އެންސީއޭއިން ބުނީ އޮލިމްޕަސް ތަރައްގީކުރުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ފެށިފައިވަނީ މިދިޔަ މާޗު މަހުގެ އަށް ވަނަ ދުވަހުު ކަމަށެވެ.އޮލިމްޕަސް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ އޮލިމްޕަހުގައި ބޭނުން ކުރަމުންދާ ވަސީލަތްތައް ޒަމާނީކޮށް، ފަންނުވެރިކަމުގެ އެކި ހަރަކާތްތަކަށް އޮލިމްޕަސް ބޭނުންކުރެވޭގޮތަށް ވަސީލަތްތައް ހަމަކުރުމުގެ މަސައްކަތެކެވެ.
ދެވަނަ ފިޔަވަހީގައި ހިމަނައިގެން މިހާރު ވަނީ އޮލިމްޕަހަށް ބޭނުންވާ ޕްރޮޖެކްޓަރާ ސައުންޑްް އިންސްޓޯލް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައެވެ. އަދި ފިލްމް އަޅުވާ ސްކްރީން ހޯދުމަށްވެސް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް އެންސީއޭއިން ވިދާޅުވެއެވެ.އެ ބަޔާނުގައިވާ ގޮތުން އެންސީއޭގެ އުއްމީދަކީ އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އޮލިމްޕަސް ހުޅުވުމެވެ."އުންމީދަކީ އޮލިމްޕަސް މަރާމާތުކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ނިމި، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ޒަމާނީ ވަސީލަތްތަކާ އެކު އޮލިމްޕަހުގެ ހިދުމަތް ދޭން ފެށުމެވެ،" އެންސީއޭ އިން ބުންޏެވެ.އޮލިމްޕަސް ހުޅުވުން ލަސްވާތީ އެ މައްސަލާގައި ހެރިޓޭޖް އެންޑް އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް ވެސް އޮތީ ހުށަހަޅައިފަ އެވެ. އޮލިމްޕަހުގެ ޚިދުމަތް ނުފެށުމަކީ ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެވެސް ބޮޑު ކަންބޮޑުވުމެކެވެ.
އޮލިމްޕަހަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒަމާންވީ އަދި އެންމެ ބޮޑު ސިނަމާއެވެ. 1959 ހުޅުވި އޮލިމްޕަހުގައި އެންމެ ފުރަތަމަ ދައްކަން ފެށީ ހިންދީ ފިލްމާއި އިނގިރޭސި ފިލްމްތަކެވެ. ދިވެހި ފިލްމް ދައްކަން ފެށީ 1980ވަނަ އަހަރުން ފެށިގެންނެވެ.
ކިޔުންތެރިންގެ ޝުއޫރު