
މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އޮލިމްޕަސް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.އަދި ފަންނާނުންނާއި ސަގާފަތާއި ތަރިކަ އާއިބެހޭ ވުޒާރާގެ ވަޒީރު، ޔުމްނާ މައުމޫނާއި އެ މިނިސްޓްރީގެ މުޝީރުންކަމުގައިވާ އައްބާސް އިބްރާހިމް އާއި މަޑުލު މުހައްމަދު ވަހީދާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގު އަދި ސަރުކާރުގެ ބައެއް ވަޒީރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.އޮލިމްޕަހަކީ ރާއްޖޭގެ އެންމެ ދުވަސްވީ ސިނަމާއެވެ. މިތަން އެކި ދުވަސްވަރުގެ މަތިން މަރާމާތުކޮށްފައިވެއެވެ. އެގޮތުން ޒަމާނަށް އަންނަ ބަދަލުތަކަށް ފެތޭގޮތަށް އޮލިމްޕަސް އެންމެ ފަހުން މަރާމަތުކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް މިއީ އަހަރުން އަހަރަށް އައު ޓެކްނޮލޮޖީ އަންނަ ސިނާއަތަކަށްވާތީ، އޮލިމްޕަހަށް މާ ބޮޑު ސަމާލުކަމެއް ނުދެވި، އަނެއްކާވެސް މަޑުމަޑުން ފަހަތަށް ދާން ފެށިއެވެ. އަދި އެއީ ދުވަސްވީ އިމާރާތަކަށް ވާތީވެ، ބައެއް ދިމަދިމާ ބާވެ މައްސަލަތައް ނުކުންނަން ފެށިއެވެ.