އިސާއު އަހުމަދު
20 ސެޕްޓެމްބަރ 2022 - 11:57
0 comments
އޮލިމްޕަސްގެ މަސައްކަތް އޮކްޓޫބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާކުރައްވާ ކަމަށް މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ދިވެހި ފިލްމުތައް އަޅުވަން ހާއްސަ ހަމައެކަނި ރަސްމީ ސިނަމާ ބަންދުކޮށްފައި ހުންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާތީ އެކަމާ ގުޅިގެން މިނިސްޓަރާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ލިޔުމުން ފޮނުއްވި ޖަވާބުގައި މިއަދު ވިދާޅުވެފައި ވަނީ އޮލިމްޕަހުގެ މަރާމާތުތައް ނިމޭނީ ނޮވެމްބަރު މަހުގެ 16 އަށް ކަމަށެވެ.ނަމަވެސް އެ ސިނަމާ މި މަހުގެ ތެރޭގައި އަލުން ހުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެ، އާޓްސް މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ޖުލައި މަހު ބަޔާނެއް ވެސް ނެރުނެވެ. އެތަނުން ބުނެފައި ވަނީ ސިނަމާގެ މަރާމާތުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާތީ މި މަހުގެ ތެރޭގައި އޮލިމްޕަސް ހުޅުވުމުގެ އުންމީދު އޮތް ކަމަށެވެ.މި މަސައްކަތުގެ އަޕްޑޭޓެއް ލިޔުމުން ހޯދުމަށް މަޑަވެލި ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ފިރުޝާން ވަނީ މިނިސްޓަރު ޔުމްނާ މައުމޫނާ ސުވާލުކުރައްވާފަ އެވެ. ފިރުޝާން ކުރެއްވި އެ ސުވާލަށް ޔުމްނާ ލިޔުމުން ދެއްވި ޖަވާބު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ. ޖަވާބުގައި ޔުމްނާ ވިދާޅުވީ، އޮލިމްޕަހުގެ ހޯލާއި ރިހާސަލް ރޫމުތަކަށް ބޭނުންވާ އެކޯސްޓިކް ޓްރީޓްކުރާ މެޓީރިއަލް ހޯދުމަށް ހަވާލުކުރި ފަރާތްތުން އެ މަސައްކަތް ކުރެވެން ނެތް ކަމަށް އެންގުމުން އެ މަސައްކަތް 16 ނޮވެމްބަރުގެ ނިޔަލަށް ނިންމުމަށް ސިންގަލް ސޯސް އުސޫލުން އެހެން ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.އަދި އޮލިމްޕަސް ހޯލުގައި ފިލްމު ސްކްރީން ކުރުމަށް ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރަކާއި 7.1 ސަރައުންޑް ސައުންޑް ހަރުކޮށް، ފިލްމު ސްކްރީން ކުރުމަށް ރިކްރެކްޓަބަލް ސްކްރީނެއް ހަރުކުރުމުގެ މަސައްކަތް ސިންގަލް ސޯސްކޮށް ދެ ބަޔަކާ ހަވާލުކޮށް 16 އޮކްޓޯބަރުގެ ނިޔަލަށް ނިންމުމަށް އެ ފަރާތްތަކަށް ހަވާލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.އޮލިމްޕަސް މަރާމާތުކުރުމުގެ މަސައްކަތަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. އޮލިމްޕަސް ބަންދުކޮށްފައިވަނީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.