ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގެ ތެރޭގައި އެ މަގާމަށް އަށް ބޭފުޅަކު ކުރިމަތިލައްވައިފި އެެވެ.
ކްރިމިނަލް ކޯޓަށް ގާޒީއަކު ހޯދަން ޖޭއެސްސީން މިދިޔަ ޖުލައި މަހުގެ ހަތްވަނަ ދުވަހު ކުރި އިއުލާންގެ މުއްދަތު ހަމަވީ ބުދަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުން ގާޒީއަކު ހޯދަން އިއުލާނު ކުރީ އެ ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ދީބަނާޒު ފަހުމީ ހައި ކޯޓަށް އައްޔަން ކުރުމާ ގުޅިގެންނެވެ. ދީބަނާޒު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ އިއްޔެ އެވެ.ދީބަނާޒު ހައި ކޯޓަށް އައްޔަން ކުރީ، އެ ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ހަމީދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލުމުން އޭނާ ކުރިމަތިލައްވައިގެން ހޮވިވަޑައިގަތުމުންނެވެ.ކްރިމިނަލް ކޯޓުގެ ގާޒީ އަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާއާއި، ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާއާ އެކު ޖުމްލަ 48،300 ރުފިޔާ ލިބެ އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބޭނެ އެވެ.ޖޭއެސްސީން މިހާރު ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ މައުލޫމާތުވެސް ހާމަކޮށްފަ އެވެ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުން:
- އުއްމުކުލްސޫމް އަބޫބަކުރު / ރަނައުރާގެ، ބ. ހިތާދޫ
- އިބްރާހީމް އިޙްސާން / އެށެވެލި، ސ. މަރަދޫ
- އާމިނަތު އަޒްލިފާ / ގުލާބީގެ، ރ. ރަސްގެތީމު
- މުހައްމަދު ޢާސިރު / ހެޕީކޯނަރ، ގއ. ކަނޑުހުޅުދޫ
- ސުލައިމާން މުޙައްމަދު / ނޫރާނީގެ، ޅ. ކުރެންދޫ
- ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ. މާޅޮސް
- އަމްޖަދު އަބްދުލްޣަނީ / ސޯސަންމާގެ، ފ .ބިލެތްދޫ
- ސިޔާމާ މުހައްމަދު / ދަފްތަރު ނަންބަރު ރސ 13194 މާލެ
މި ބޭފުޅުންގެ ތެރެއިން ސިޔާމާ މުހައްމަދަކީ މިހާރު ހުޅުމާލޭ ކޯޓުގެ އިސް މެޖިސްޓްރޭޓެވެ.