ޚަބަރު
ހެލްތް ޕްރޮމޯޓިންގް ސްކޫލް ކޮންފަރެންސުން ގިނަ ފައިދާތަކެއް ކުރާނެ: ނައިބު ރައީސް
ހެލްތް ޕްރޮމޯޓިންގް ސްކޫލް ކޮންފަރެންސަކީ އެކަމުގެ ސަބަބުން ދަރިވަރުންނަށް ގިނަ ގުނަ ފައިދާތަކެއް ކުރާނެ ކޮންފަރެންސެއްކަމަށާއި، މި ކޮންފަރެންސް މި ފެށެނީ ވަރަށް މުނާސަބު ވަގުތެއްގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިރޭ ތާޖުއްދީން ސްކޫލް ހޯލުގައި "ހެލްތް ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް" ފެށުމަށްޓަކައި ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިޔާތުގައި ރަައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއާއި، މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމްއާއި، ދުނިޔޭގެ ޞިއްޙަތު ޖަމުއިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑޮކްޓަރ ނާޒްނީން އަންވަރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ފާއިތުވި އަހަރުތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވެފައިވާކަން ހާމަކުރައްވާފައެވެ. އަދި، މި ދަނޑިވަޅަކީ މިކަމަށް އިތުރު ސަމާލުކަމެއް ދީގެން ތުއްތު އިރުން ފެށިގެން ކުދިން ރަނގަޅު ޞިއްޙަތެއްގައި ބޭތިއްބުމަށް މަސައްކަތްކުރަންވީ ވަގުތުކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އެގޮތުން އެމަނިކުފާނު ވަނީ ސްކޫލް ދައުރުގައި ކުދިންނަށް ދަސްކޮށްދޭ އާދަކާދައަކީ މުޅި ޢުމުރު އެކުދިންގެ ގައިގައި ހަރުލާފައި ހުންނަ އާދަކާދަކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ކުދިންގެ ޅަފަތުން ފެށިގެން ރަނގަޅު ޞިއްޙަތެއްގައި ދެމިހުރުމަށް މަސައްކަތްކުރުމުގެ ގޮތުން ރަނގަޅު ކާނާ ކެއުމާއި، ކަސްރަތުކުރުން ފަދަ ކަންކަން ކުރުމަށް ސަމާލުކަންދިނުމަށް އެދިވަޑައިގަންނަވާފައެވެ.

"ހެލްތް ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް" އަކީ ހެލްތް ޕްރޮމޯޓިންގ ސްކޫލް ޕޮލިސީ ތަންފީޒްކުރުމަށް ބާރުއެޅުމަށާއި، ކޮންފަރެންސްގައި ބައިވެރިވާ ސްކޫލުތަކުގައި ހެލްތް ޕްރޮމޯޓިންގ ސްކޫލްގެ ޑައިމެންޝަންތަކަށް ކޮށްފައިވާ މަސައްކަތްތައް ހިއްސާކުރުމަށާއި، ސްކޫލްތަކުގެ ތަޖުރިބާތައް ހިއްސާކުރުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ ތީމަކީ " ސަސްޓެއިން ގުޑް ޕްރެކްޓިސަސް، އެމްބްރޭސް އިނޮވޭޝަންސް އެންޑް އެސެލެރޭޓް ޕްރޮގްރެސް" އެވެ.

މިއީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއާއި ގުޅިގެން ތާޖުއްދީން ސްކޫލުގެ އެހީތެރިކަމާއިއެކު މުޅިން އަލަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސެކެވެ. މާލެ ސަރަޙައްދުގެ 17 ސްކޫލެއްގެ މުވައްޒަފުންނާއި، ދަރިވަރުން އަދި ބެލެނިވެރިން ހިމެނޭ ގޮތަށް ޖުމްލަ 136 ބައިވެރިންނާއެކު ފަށާ މި ކޮންފަރެންސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 2022 އޮގަސްޓް 25 އަދި 27 ގައި ތާޖުއްދީން ސްކޫލްގައެވެ. މި ބައިވެރިންގެ އިތުރުން ވެސް އަތޮޅުތަކުން ޖުމްލަ 79 ސްކޫލެއް އޮންލައިންކޮށް އޮބްޒާވަރުންގެ ގޮތުގައި މި ކޮންފަރެންސްގައި ބައިވެރިވުމަށް ހަމަޖެހިފައި ވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު