ކުޅިވަރު
މޮޅުވަމުން އައި އާސެނަލްގެ ރެކޯޑަށް ޔުނައިޓަޑުން ނިމުން ގެނެސްފި
އެންޓޮނީ، ޔުނައިޓެޑަށް މެޗުގައި ލީޑު ނަގައިދިން ލަނޑު ޖެހުމަށް ފަހު އުފާކުރަނީ
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ 3-1 އިން މެންޗެސްޓާ ޔުނައިޓަޑް އަތުން ބަލިވެ، މި ސީޒަންގައި އާސެނަލް އިން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ނިމުން އަތުވެއްޖެ އެވެ.

އާސެނަލް މި މެޗަށް ނުކުތުމުގެ ކުރިން އެޓީމު ވަނީ ލީގުގައި ކުޅުނު ފުރަތަމަ ފަސް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. އާ ކޯޗު އެރިކް ޓެން ހަގް އާއެކު ޔުނައިޓެޑް ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް ފަހުން ކުޅުނު ހަތަރު މެޗު ވެސް އެޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ.

އޯލްޑް ޓްރެފޯޑުގައި މިރޭ ކުޅުނު މެޗުގެ 12 ވަނަ މިނިޓުގައި ބުޔަކޯ ސަކާ ދިން ބޯޅައަކުން ގެބްރިއެލް މާޓިނެލީ އާސެނަލް އަށް ގޯލެއް ޖަހައިދިނެވެ. ނަމަވެސް ސަކާ އަށް ބޯޅަ ހޯދި ވަގުތު ކެޕްޓަން މާޓިން އޮޑެގާޑް، ޔުނައިޓެޑްގެ ކްރިސްޓިއަން އެރިކްސަން އަށް ފައުލް ކޮށްފައި ވާތީ ރެފްރީ ވަނީ ވީއޭއާރު ރިވިއު އަށް ފަހު އެ ގޯލު ބަލައި ނުގަންނަން ނިންމައިފަ އެވެ.

މިރޭގެ މެޗަށް ޔުނައިޓެޑުން ނެރުނު ފުރަތަމަ އެގާރައިން މިދިޔަ ޓްރާންސްފާ މާކެޓުގައި 82 މިލިއަން ޕައުންޑަށް އަޔެކްސް އިން ގެނައި ބްރެޒިލްގެ ފޯވާޑް އެންތޮނީ އަށް ފުރުސަތު ދީފައިވާއިރު އަނިޔާގެ ސަބަބުން މި މެޗުގައި އާސެނަލްގެ މިޑްފީލްޑަރު ތޯމަސް ޕާޓޭ ކުޅެފައެއް ނުވެ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ ޔުނައިޓެޑުންނެވެ. އެގޮތުން މާކަސް ރަޝްފޯޑް ދިން ޕާހަކުން މެޗުގެ 35 ވަނަ މިނެޓްގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެންތޮނީ އެވެ. އޭނާ މި ގޯލް ކާމިޔާބުކުރީ އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން، އާސެނަލް އިން ޔުނައިޓަޑް ފަހަތަށް ޖައްސާލައި، ގޯލު ޖެހުމަށް އިތުރު މަސައްކަތްތަކެއް ކުރި އެވެ. ނަތީޖާ އަކަށްވީ މެޗުގެ 60 ވަނަ މިނިޓުގައި ބުކާޔޯ ސާކާ ލަނޑެއް ޖަހައި، އާސެނަލް އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނުމެވެ.

އެކަމަކު، އޭގެ ހަ މިނިޓުގައި ފަހުން، ކައުންޓާ އެޓޭކެއްގައި ބްރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތުގެ ބޭނުން ހިފައި، ޔުނައިޓަޑްގެ ފޯވަޑް މާކަސް ރަޝްފޯޑް ވަނީ އެ ޓީމަށް ދެ ވަނަ ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.

ޔުނައިޓެޑުގެ ތިންވަނަ ލަނޑު 75 ވަނަ މިނިޓުގައި ޖަހައިދިނީ ވެސް ރަޝްފޯޑެވެ. އޭނާ މި ލަނޑު ޖެހީ އެރިކްސަން ދިން ޕާހަކުންނެވެ. މި ގޯލަށް ފަހު ފްރެޑް ވަނީ އާސެނަލްގެ ގްރޭނިޓް ޒާކާ އަތުން ގެއްލުނު ބޯޅައެއް ފިފައިގެން ކުރިއަށް އަރައި، ހުސްކޮށް ހުރި ރޮނާލްޑޯ އަށް ދޭން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ރޮނާލްޑޯ އަށް ލިބުމުގެ ކުރިން ކީޕަރު ރަމްސްޑޭލް ވަނީ އޭރިއާ ބޭރަށް ނުކުމެ އެ ބޯޅަ ދިފާއު ކޮށްފަ އެވެ.

މެޗުގެ ފަހު 10 މިނިޓަށް ޓެން ހަގް ވަނީ ކަސެމީރޯ އާއި، ކެޕްޓަން ހެރީ މެގުއާ ކުލެން އަރުވައިފަ އެވެ. މިއީ ލީގުގެ ފުރަތަމަ ދެ މެޗަށް ފަހު މެގުއާ ކުޅެން އެރުވި ފުރަތަމަ ފަހަރެވެ. ޔުނައިޓެޑް މޮޅުވި ފުރަތަމަ ތިން މެޗުގައި ވެސް އޭނާ އިނީ ބެންޗުގަ އެވެ. މެގުއާގެ ބަދަލުގައި ޔުނައިޓެޑް ލީޑު ކުރަނީ ފެނާންޑޭޒް އެވެ. މިރޭ ޔުނައިޓެޑުން ޖެހި ތިން ގޯލުގެ ބިލްޑްއަޕް ގައި ވެސް އޭނާ ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

މި މޮޅާ އެކު ޔުނައިޓެޑު ވަނީ ތާވަލުގެ ފަސް ވަނައަށް ޖެހިލައިފަ އެވެ. މެޗުން ބަލިވި ނަމަވެސް އާސެނަލް އަދިވެސް އޮތީ 15 ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިން ވަނައިގައި އޮތް ޓޮޓެންހަމްއަށް ލިބިފައި ވަނީ 14 ޕޮއިންޓެވެ. މި މެޗަކީ ލީގުގައި އާސެނަލް ބަލިވި ފުރަތަމަ މެޗު ކަމަށްވާއިރު، މިއީ ޔުނައިޓެޑުން ލީގުގައި ޖެހިޖެހިގެން ހޯދި ހަތަރުވަނަ މޮޅެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ލެސްޓަ ސިޓީއާ އެވެ. އާސެނަލް ދެން ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބްރައިޓަން ވަނީ ލެސްޓާ ސިޓީ އަތުން 5-2 އިން މޮޅުވެފަ އެވެ. މި ނަތީޖާއާ އެކު، ތާވަލްގެ ފުލުގައި އޮތް ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސް އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު