ޗެލްސީގެ ކޯޗުކަމުން އިނގިރޭސި ކޯޗު ގްރަަހަމް ޕޮޓާ ވަކިކޮށްފި
ހަސަން ހަލީމް
03 އޭޕްރީލް 2023 - 10:01
0 comments
ޗެލްސީން ރޭ ވަކިކުރި ކޯޗު ގްރަހަމް ޕޮޓާ ---- ފޮޓޯ/ ގެޓީ
ޗެލްސީގެ ކޯޗުކަމުން އިނގިރޭސި ކޯޗު ގްރަަހަމް ޕޮޓާ ވަކިކޮށްފިއެވެ.ބްރައިޓަންގައި ހުއްޓާ ޗެލްސީން ގެނައި ޕޮޓާގެ ކޯޗުކަމުގައި އެ ޓީމުން ކުރީކޮޅު ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އެކަމަކު މަޑު މަޑުން ނަތީޖާތައް ދަށްވަމުން ގޮސް، ޓީމު އޮތީ ލީގުގެ 10 ވަނައިގަ އެވެ. އަދި ހޮނިހިރު ދުވަހުގެރޭ އެސްޓަން ވިލާ އަތުން 2-0 އިން އަމިއްލަ ދަނޑުގައި ބަލިވެ 11 ވަނަ އަށް ސޮއްސާލި އެވެ.ޕޮޓާގެ ކޯޗުކަމުގައި ޗެލްސީން ކުޅުނު 31 މެޗުގައި އެޓީމަށް މޮޅުވެވުނީ އެންމެ 12 މެޗުންނެވެ. 11 މެޗުން ބަލިވިއިރު ޕްރިމިއާ ލީގުގައި ޗެލްސީ ގޮވައިގެން ޕޮޓާ ނުކުތް 22 މެޗުގެ ތެރެއިން މޮޅުވީ ހަތް މެޗުންނެވެ.ރިޕޯޓްތައް ބުނާ ގޮތުގައި ޗެލްސީގެ ދާއިމީ ކޯޗަކަށް ގެންނާނީ، ބަޔާން މިއުނިކުން ދާދި ފަހުން ވަކިކުރި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން އެވެ. އޭނާގެ ބަދަލުގައި ބަޔާނަށް ގެންދިޔައީ ޗެލްސީ މިދިޔަ އަހަރު ވަކިކުރި ޓުޗެލް އެވެ.
ކިޔުންތެރިންގެ ޝުއޫރު