
އެވަޓަންގެ ކޯޗުކަމުން ލަމްޕާޑް ވަކިކޮށްފައިވަނީ އެޓީމުން އިނގިރޭސި ޕްރިމިއާ ލީގުގައި ނެރެމުންދާ ދަށް ނަތީޖާތަކާ ގުޅިގެންނެވެ. ލީގުގައި 20 މެޗު ކުޅެ ނިމުނުއިރު އެވަޓަން މިވަގުތު އޮތީ ރެލިގޭޝަން ޒޯނުގަ އެވެ. އެވަޓަން އަށް 20 މެޗުން ލިބިފައިވަނީ 15 ޕޮއިންޓު ކަމަށްވާއިރު ހޯދިފައިވަނީ އެންމެ ތިން މޮޅެވެ. އެވަޓަންގެ ކޯޗުކަމާ ލަމްޕާޑު ހަވާލުވީ މިދިޔަ އަހަރުގެ ޖެނުއަރީމަހުއެވެ. އެއީ އޭރު އެވަޓަންގެ ކޯޗުގެ ގޮތުގައި ހުރި ރަފައެލް ބެނިޓޭޒް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެވަޓަންގެ ކޯޗުކަމާ ލަމްޕާޑު ހަވާލުވުމަށްފަހު އޭނާ ވަނީ، މިދިޔަ ސީޒަނުގައި އެވަޓަން ރެލިގޭޝަނުން ސަލާމަތްކޮށްދީފައެވެ.އެވަޓަންގެ ކޯޗުގެ މަގާމުން ލަމްޕާޑު ވަކިކޮށްފައިވާއިރު، ލަމްޕާޑު އެންމެފަހުން މަސައްކަތްކުރި ޗެލްސީންވެސް އޭނާ ވަކިކޮށްފައިވަނީ ނަތީޖާ ދަށްވުމުގެ ސަބަބުންނެވެ.ލަމްޕާޑަށް ފަހު އެވަޓަންގެ ކޯޗުކަމާ ދެން ހަވާލުވާނެ ފަރާތެއް އެ ކްލަބުން ހާމަކޮށްފައެއް ނުވެ އެވެ.