ޚަބަރު
މި އަހަރުގެ ބޯހިމެނުމުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
މިއަހަރުގެ ބޯހިމެނުމުގެ ޑިގިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހި އެއްބަސްވަނީ - ފޮޓޯ: ދިރާގު
މިމަހު ފަށާ ބޯހިމެނުމުގެ ޑިޖިޓަލް ސާވިސަސް ޕާޓްނަރުގެ ގޮތުގައި ދިރާގު ހަމަޖައްސައި އެކުންފުންޏާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިކަމަށްޓަކައި ވެފައިވާ އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާ ގުޅިގެން މި އަހަރުގެ ބޯހިމެނުމުގެ ހަރަކާތްތަކުގެ ޑިޖިޓަލް ކަނެކްޓިވިޓީ އާއި ބޯހިމެނުމުގެ ތަމްރީނު ދިނުމާއި މައުލޫމާތު އެއްކުރާއިރު ބޭނުންވާ ކަނެކްޓިވިޓީ ވެސް ދިރާގުން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ދާނީ މި މަހުގެ 13 އިން 25 ގެ ނިޔަލަށެވެ. އެ މުއްދަތުގައި ރާއްޖޭގެ އާބާދީގެ ހުރިހާ ރައްޔިތުންނާއި، މީހުން ދިރިއުޅޭ ގޭބީސީތަކާއި، އިގްތިސޯދީ ހަރަކާތްތައް ހިންގާ މަރުކަޒުތަކުގެ ބޯހިމެނުން ކުރިއަށް ދާނެ އެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މިއަހަރުގެ ބޯހިމެނުމުގެ ޑިޖިޓަލް ޕާޓްނަރަށްވުމަކީ ދިރާގަށް ލިބޭ ނުހަނު ބޮޑު އުފަލެއް ކަމަށެވެ.

"ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ފަރާތުގެ ހައިސިއްޔަތުން، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ތަރައްގީގެ ކުރިމަގު ބައްޓަންކުރާނެ މި މުހިއްމު ގައުމީ ހަރަކާތް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމުގައި އެމްބީއެސް އާއި 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް." މިރުޝާން ވިދާޅުވި އެވެ.

އެމްބީއެސްގެ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހަސަން ވިދާޅުވީ މިއަހަރުގެ ބޯހިމެނުމުގައި ދިރާގުން އަމަލީގޮތުން ބައިވެރިވެ ދޭ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ.

"މިއަހަރުގެ ބޯހިމެނުމަކީ ކާމިޔާބު ހަރަކާތަކަށް ހެދުމަށާއި މީގެ މުހިންމުކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް އެކުންފުނީގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށްވެސް އަޅުގަނޑުމެން ޝުކުރު އަދާކުރަން،" އައިޝަތު ހަސަން ވިދާޅުވި އެވެ.

ދިރާގުން ބުނީ އަބަދުވެސް ދެމިތިބޭނީ ދިވެހިރާއްޖޭގެ ޚިދުމަތްތައް އިތުރަށް ކުރިއެރުވުމަށް އެހީތެރިވެދޭނެ ގައުމީ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށް ފުރިހަމަކުރުމަށް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު