ޚަބަރު
ފަތުވާ އެކަޑަމީގަ ތިބެންވީ ފަތުވާ އިމްޕޯޓް ނުކުރާ ފިގުހުވެރިން: ޑރ. ޝަހީމް
ރާއްޖޭގެ މަޤުބޫލު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދަރުހެއް ދެއްވަނީ
ފަތުވާ އެކަޑަމީގަ ތިބެންވީ އެހެން ގައުމުތަކުގެ ފަތުވާ އިމްޕޯޓް ނުކުރާ ފިގުހުވެރިން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުވާ ކައުންސިލް ހުއްޓިފައިވާތީ އެކަމާ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާ ދީނީ އިލްމުވެރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައުވާ ކައުންސިލެއް ނުވަތަ ފިގުހު އެކަޑެމީއެއް ވިޔަސް އޭގައި ތިބެން ވާނީ އެހެން ގައުމުތަކުގެ ފަތުވާ އިމްޕޯޓްނުކުރާ އަމިއްލަ ރައުޔަތް ތައައްސަބު ނުވާ ބައެއް ކަމަށެވެ.

"އިލްމީ ފިގުހީ ބަހުސްކުރަން ދަންނަ އަދި ވަގުތާއި ހާލަތަށް ފިގުހު ދަންނަ އިލްމުވެރިން އޭގައި [ތިބެން ވާނީ.]" ޝަހީމް ވިދާޅުވި އެވެ.

"ފަތުވާ ކައުންސިލްގައި ނުވަތަ ފިގުހު އެކަޑަމީގައި ވިޔަސް ތިބެންވާނީ އެހެން ގައުމުތަކުގެ ފަތުވާ އިމްޕޯޓު ނުކުރާ، އަމިއްލަ ރަޢުޔާ ތައައްސަބުނުވާ އިލްމީ ފިގުހީ ބަހުސް ކުރަން ދަންނަ، އަދި، ވަގުތާއި ހާލަތަށް ފިގުހު ފައްތަން ދަންނަ ފިގުހުވެރިން"

 


ފަތުވާ މަޖިލީހަށް މެމްބަރުން އައްޔަނު ކުރުން އަވަސް ކުރަން ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އިއްޔެ ގަރާރެއް ވެސް ވަނީ ހުށަހެޅުއްވާ ފައެވެ. މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރ އާދަމް ޝަރީފް ހުށައެޅުއްވި ޤަރާރުގައި ބުނެފައިވަނީ، ބަވަނަވެފައިވާ ދުނިޔޭގައި، ގުޅިލާމެހިފައިވާ ގޮތެއްގައި ދިރިއުޅެން ޖެހިފައިވާ ދިވެހިންނަށް އެކިގޮތްގޮތުން ފޯރަމުންދާ ނުފޫޒުތަކުގެ ސަބަބުން ދީނީ ހިލާފުތަކާއި ހަރުކަށި ފިކުރު އިތުރު ވެފައިވާ ކަމަށެވެ.

ހަމަ އެހެންމެ ދީނީ ގޮތުން ހިލާފު އުފެދޭ ބޮޑެތި މައްސަލަތަކުގައި އަމަލު ކުރަންވީގޮތް އޮޅި ގެންވެސް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފަތުވާ މަޖިލީހުގެ މެމްބަރުން އައްޔަން ކުރަނީ ފަސް އަހަރަށް ކަމަށް ވާއިރު، އަލުން އައްޔަން ކުރި ފަހުން އެ މުއްދަތު ހަމަނުވެ މިހާރު ހުންނެވީ އެމަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބްރާހީމް އެކަންޏެވެ.

މިމަހުގެ އަށްވަނަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ފަތުވާ ދޭ މަޖިލިސް އަލުން އެކުލަވާލުމަށްޓަކައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މިއުވާން ވިދާޅުވީ މި ސަރުކާރުގެ ގުޅިފައިވާ ޕާޓީތައް ހިމެނޭ ކޯލިޝަންގެ މެނިފެސްޓޯގައި އޮތީ "ފިގުހު ކޮމިޓީ" އެއް އެކުލަވާލުން ކަމަށްވާތީ އެ މަސައްކަތް ކުރުމަށްޓަކައި މަޖިލީހުގައި މިހާރު ހިނގަމުންދާ ދައުރަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
50%
50%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު