ޚަބަރު
ހައްޖު ފައިސާ އިން ޒަކާތް ދައްކާނީ ހައްޖު ކޯޕަރޭޝަނުން
ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން އެ ކުންފުނިން ޒަކާތް ދައްކަން ޖެހޭނެ ކަމަށް ފަތުވާ މަޖިލީހުން ބުނެފި އެވެ.

ފަތުވާ މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފާސްކުރި "މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދެއްކުމާ ގުޅޭ" ފަތުވާ މިއަދު ވަނީ އެ މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ.

ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭ ގޮތުން އެ މަޖިލީހުގެ ލަފާ ހޯދުމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ނެރުނު ފަތުވާގައި ވަނީ މިގޮތަށް ކަނޑައެޅީ ހައްޖު ކޯޕަރޭޝަނުން ފަތުވާ މަޖިލީހަށް ދިން މައުލޫމާތުގެ އަލީގައި ކަމަށެވެ.

ހައްޖަށް ދާން ހައްޖު ކޯޕަރޭޝަނުން މިހާރު 69،965ރ. ދައްކަން ޖެހެ އެވެ. އަދި މިހާރު ރާއްޖޭގެ މުދަލު ޒަކާތުގެ ނިސާބަކީ 9264.15ރ. އެވެ

އުސޫލު އޮތް ގޮތުން ހައްޖަށް ދިއުމަށް ހައްޖު އެކައުންޓެއް ހުޅުވުމުން، އެކައުންޓުގެ ވެރިފަރާތުން އެއިރެއްގައި ކަނޑައަޅާފައިވާ ހައްޖުގެ އަގުގެ 75 ޕަސަންޓު ހަމަކުރުމުން ހައްޖަށް ދިއުމުގެ ޖާގަ ކިއުއިން ޖާގަ ރިޒާވްކޮށް ލިސްޓުގައި ހިމެނޭނެ އެވެ. އަދި ކިއު ތަރުތީބުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބެ އެވެ.

ރާއްޖެއިން މިހާރު މީހުން ހައްޖަށް ގެންދަނީ ހައްޖު ކޯޕަރޭޝަނުން އެކަންޏެވެ. އެއީ ސަރުކާރުގެ ކުންފުންޏެކެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 101.94 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މުދަލު ޒަކާތުގެ ގޮތުގައި އަހަރެއްގެ ތެރޭ ލިބުނު އެންމެ ބޮޑު އަދަދެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު