ދުއާކުރުން އިތުރުކުރުމަށާއި ތަގުވާވެރިކަން އިސްކޮށް އާހިރަތް ދުވަހަށް ތައްޔާރުވުމަށް ހައްޖު ހުތުބާގައި ނަސޭހަތްތެރިވެއްޖެ އެވެ.
ނަމިރާ މިސްކިތުގައި ޝައިހު އަލީ ބިން އަބްދުއްރަޙްމާން އަލް ހުޒައިފީ އިއްވެވި ހައްޖު ހުތުބާގައި މާތްﷲއަށް ތަގުވެރިވުމުގެ މުހިންމު ކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފަ އެވެ. ތަގުވާވެރިވުމަށް ނަސޭހަތްދެއްވައި ހުތުބާގައިވަނީ ކީރިތި ގުރުއާނުގެ އަލް ހައްޖު ސޫރަތުގައިވެސް މާތް ﷲ މިކަން ވަހީކުރައްވާފައިކަން ފާހަގަކުރައްވާފަ އެވެ. ހައްޖު ހުތުބާގައި ވިދާޅުވީ ގިޔާމަތް ދުވަހަށް ތައްޔާރުވުމަކީ ތަގުވާވެރިކަމުގެ ތެރެއިންވާ ކަމެއްކަމަށެވެ. މާތް ﷲ އިބްރާހީމުގެފާނަށް ވަނީ މީސްތަކުންނަށް ހައްޖަށް އައުމަށް ގޮވައިލައްވައިފައި ކަމަށް ހުތުބާގައި ފާހަގަކުރެއްވި އެވެ. ﴿وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ﴾ (الحج: ٢٧) މާނައީ: "އަދި ކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ." އެއީ ﷲ ހަނދުމަކުޅައުމަށް ކަމަށް ވެސް ބުނުއްވިއެވެ. މި ތަނުގައި މި ފެންނަނީ ހުރިހާ ދިމާލަކުން މީސްތަކުން އައިސް ތިބިތަންކަމާއި، އެ މީހުން އެގެންދަނީ ﷲ ތަޤްދީސްކޮށް މަތިވެރިކުރަމުން ކަމުގައި ވެސް ފާހަގަކުރެއްވިއެވެ. މިއީ އިބްރާހީމުގެފާނުގެ ދައުވަތަށް އިޖާބަދެވައިފައި ވާތަން ކަމުގައި ވެސް ވިދާޅުވިއެވެ.ﷲ ނޫން އެހެން ފަރާތްތަކަށް އަޅުކަންކުރުމުން ﷲގެ ގެކޮޅު ޠާހިރުކުރެއްވުމަށް އަންގަވައިފައިވާކަން މިއަދުގެ ހައްޖު ހުތުބާގައި ފާހަގަކުރެއްވި އެވެ. އެ ގޮކޮޅު ތާހިރުކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލައްވަމުން، ސިޔާސީ ހުރިހާ ފިކުރަކުން އެ ގެކޮޅާއި އެ މާތް ބިން ޠާހިރުކުރަންވާނެކަން ފާހަގަކުރެއްވި އެވެ.ހައްޖުގެ މަތިވެރި އަޅުކަމަށް ގޮވާލެއްވުމަށް އިބްރާހީމްގެފާނަށް ﷲ ކުރެއްވި އަމުރުފުޅާ އެއްގޮތަށް މިއަދާ ހަމައަށް ވެސް މުސްލިމުން އަޅުކަން އަދާކުރަނީ ތަކުބީރުގެ އަޑުތަކާއެކުކަން ހުތުބާގައި ބަޔާންކުރެއްވި އެވެ.
ހަމައެއާއެކު، ކައުބަތުﷲ ގެފުޅަކީ ޝިރުކުގެ އެންމެހައި ކަންކަމުންނާއި ނަޖިސްތަކުން ސާފުތާހިރުވެގެންވާ އަމާން ބިމެއްގެ ގޮތުގައި ކަމަށައި ގެފުޅު ބެލެހެއްޓުމަށް ﷲ ކުރައްވާފައިވާ އަމުރުފުޅަށް ބޯލެނބުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ހުތުބާގައި އަލިއަޅުއްވާލެއްވި އެވެ.
ހުތުބާ ނިންމަވާލައްވަމުން ވެސް ހަނދާން ކޮށްދެއްވީ ރަސޫލާ ހައްޖުގެ އަޅުކަން އަދާކުރެއްވި މާތް ނަމޫނާގައި ހިފެހެއްޓުމަށާއި އަރަފާތް ބިމުގައި ހޭދަކުރާ ވަގުތުތަކުގައި ވީހާވެސް ގިނައިން ދުއާކުރުންމަތީ ދެމިތިބުމަށެވެ.