
އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ހއ. އުތީމަށް ރައީސްގެ ދެކަނބަލުން ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން، މިއަދު މެންދުރުފަހު އުތީމުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުގެ ސިޔާސަތަކީ ޒުވާނުންނާއި އެންމެހާ ފަރާތްތަކުގެ އަޑުއަހައިގެން ކަންކަން ރަނގަޅަށް ގެންދިއުން ކަމަށާއި ޒުވާން ކުދިންނާއި ސްކޫލް ދަރިވަރުންގެ ހިޔާލުތަކަކީ ވަރަށްވެސް އަގުހުރި އެއްޗެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދަރިވަރުންގެ ފަރާތުން ލިބިގެންދިޔަ ހިޔާލުތަކާއި ފާޅުކުރި ޝުއޫރުތަކަކީ އެމަނިކުފާނު ވަރަށް ސީރިއަސްކޮށް ނަންގަވާނެ ކަންކަން ކަމަށާއި އުންމީދަކީ މިކަހަލަ ގިނަ ފުރުސަތުތައް ލިބިގެންދިއުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.މި ބައްދަލުކުރެއްވުމުގައި ދަރިވަރުން ވަނީ އެކުދިންނަށް ސްކޫލްގައި ކުޅޭނެ ޖާގައެއް ނެތުމުގެ ސަބަބުން ޔުނީފޯމާއެކު މިހާރު ކުޅެން ނިކުންނަން ޖެހެނީ ބޭރަށް ހިރަފުހަށްކަމަށާއި އެކަން ހައްލުކޮށްދެއްވައި، އެކުދިން ކުޅޭ ސަރަހައްދުގައި ޓަރފް އަޅުއްވައިދެއްވުމަށް އެދިފަ އެވެ. އަދި މިކަމަށްޓަކައި ރަށު ކައުންސިލުން ޓަރފް އެޅޭނެ ވަރުގެ ބިމެއް ހަމަޖައްސަވައިދެއްވާފައިވާކަން އެކުދިން ފާހަގަކުރި އެވެ. މީގެއިތުރުން ދިވެހި ވަތަނީ ހިދުމަތުގެ ޙަރަކާތުން އިތުރު ފުރުސަތުތައް ފަހިކޮށްދެއްވުމަށާއި ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއް ނެތުމުގެ ސަބަބުން އިންޑޯ ހަރަކާތްތައް ނުބޭއްވޭކަމުގެ ކަންބޮޑުވުންތައް އެކުދިން ހިއްސާކުރި އެވެ. މި ބައްދަލުކުރެއްވުމުގައި ދަރިވަރުން ވަނީ ކޫލް ސްކޫލް މަޝްރޫއުގެ ދަށުން އުތީމު ސްކޫލް އޭސީ ކުރެވުމުން ދަރިވަރުންނަށް އޭގެ ފަސޭހަ ލިބެމުންދާކަން ހާމަކޮށް، އެކަމަށްޓަކައި ރައީސްއަށާއި ސަރުކާރަށް ޝުކުރުއަދާކޮށްފަ އެވެ.ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ކާމިޔާބީ ފާހަގަކުރައްވާ، ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ޒުވާން ކުދިންނަށް ހުޅުވާލެއްވި ޕްރޮގްރާމެއް ކަމަށާއި އަދި އެއީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ޕްރޮގްރާމެއް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި މިވަގުތު ޖާގަ އޮތް މިންވަރުން ތަމްރީނު ކުރެވެނީ ގާތްގަނޑަކަށް އަހަރަކު 1000 ކުދިން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި ޕްރޮގްރާމަށް ހުޅުވާލާ ކޮންމެ ފަހަރަކުވެސް ބޭނުންވާ ވަރަށްވުރެ ދެގުނަ އިތުރަށް، ކުރިމަތިލާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. ރައީސް، އުތީމުގައި ކިޔަވާ ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއް ހެދުމަށް މިވަގުތު ބަޖެޓު ކުރެވިފައިނުވި ނަމަވެސް އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދަރިވަރުންގެ ޝުއޫރުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވާފަ އެވެ. އަދި ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުދެއްވައި، އެކުދީންގެ އެކިއެކި ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުން ވެދެއްވެންހުރި އެހީތަކާމެދު މަޝްވަރާކުރައްވައި، އެ ކަންބޮޑުވުންތައް ޙައްލުކުރެއްވުމަށް ސަރުކާރުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.