ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިންތައް ދައުލަތަށް ނެގޭ ގޮތް ހެދުމަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރި މީހުންގެ އަދަދު 2,100 އަށްވުރެ މައްޗަށް އަރައިފި އެވެ.
މި ބިލުގެ މައިގަނޑު އެއް އިސްލާހަކީ، ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިމާއި ތަންތަން ސަރުކާރަށް ނެގުމުގެ ބާރު ދިނުމެވެ. އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅީ އާންމުންގެ ޖަމިއްޔާގެ ބާނީ މިދުއަމް ސައުދެވެ.މިމަހުގެ 7 ވަނަ ދުވަަހު ހުށަހެޅި މި ޕެޓިޝަނުގައި މިހާތަނަށް 2،190 މީހުން ވަނީ ސޮއިކޮށްފަ އެވެ. އެއާއެކު މި ޕެޓިޝަން މިހާރުވެފައިވަނީ ތްރެޝްހޯލްޑް 2ގެ ނުވަތަ ހާއްސަ ޕެޓިޝަނަކަށެވެ. މި ފަދަ ޕެޓިޝަނަކަށްވަނީ، ދިވެހީންގެ އާބާދީގެ %0.5 އާ އެއްވަރަށް ސޮއި ހަމަވުމުންނެވެ. މި ބިލު ހުށަހެޅުއްވި މެންބަރު ހަންނާން ވިދާޅުވެފައިވަނީ، މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ. ނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއި ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވެސް އަންނަނީ މި އިސްލާހާ ދެކޮޅަށް ނުރުހުން ފާޅުކޮށް ގަރާރުތައް ފާސްކުރަމުންނެވެ.