
މި ޕެޓިޝަންގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރެއްވީ އެކްޓިވިސްޓް މިދުއަމް ސައުދުއެވެ. ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އިސްލާހުގެ ސަބަބުން ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހަށް ލިބިގެންދާނެ އެވެ.އަދި ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ، ރައްޔިތުން ތަމްސީލުކުރާ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު މި ބިލުގެ ދަށުން ފަހިވެގެންދާނެ ކަމަށްވެސް ޕެޓިޝަންގައި ބަޔާންކޮށްފައިވެ އެވެ.މި އިސްލާހަކީ ލާމަރުކަޒީ ޤާނޫނުގެ ރޫހާ ހިލާފު، އަދި ރައްޔިތުންގެ ބާރު ހަނިކުރާ އަމަލެއްގެ ގޮތުގައި ޕެޓިޝަންގައި ވަނީ ސިފަކޮށްފަ އެވެ.މި ބިލު ހުށަހެޅުއްވި މެންބަރު އަބްދުލްޙައްނާން މީގެކުރިން ވިދާޅުވެފައިވަނީ، މި އިޞްލާހުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ.ކައުންސިލްތަކުގެ ދައުރު ހަމަވާން ގާތްވުމުން މުވައްޒަފުން ނެގުމާއި ބިން ކުއްޔަށް ދިނުން ކޮންޓްރޯލްކުރުމަށް ވެސް މީގެ ކުރިން ވަނީ ގާނޫނަށް ބަދަލުތަކެއް ގެނެސްފަ އެވެ. ސަރުކާރުގެ މަޝްރޫއުތަކަށް ބައެއް ކައުންސިލްތަކުން ހުރަސްއަޅާ ކަމަށް ސަރުކާރުގެ އިސްވެރިން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.