ޚަބަރު
އުތީމުގައި ތަރައްގީކޮށްފައިވާ ތާރީހީ "ވާހަކަ ވާ" ހުޅުއްވައިފި
ހއ. އުތީމުގައި ހުންނަ ކަނދުވަލު މިސްކިތް ސަރަހައްދުގައި އޮންނަ ގުދުރަތީ ވަލުތެރޭގައި ތަރައްގީކުރި 'ވާހަކަ ވާ' ރައީސް މުހައްމަދު މުއިއްޒު މިއަދު ހުޅުއްވައިދެއްވައިފި އެވެ.

ދިވެހި ތާރީހީ ބިނާއެއްކަމަށްވާ އުތީމު ކަނދުވަލު މިސްކިތާ އިންވެގެން އޮތް ގުދުރަތީ ވަލުގެ ތެރޭގައި ތަރައްގީކުރެވިފައިވާ "ވާހަކަ ވާ" އަކީ ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ ވާހަކަ ކިޔައިދީ، އޭގެ މަންޒަރުތައް ސިފަކޮށްދޭ ބޯޑުތަކެއްގެ އެހީގައި އެ ޖިހާދު އިހުސާސްކޮށްދިނުމަށްޓަކައި ތާރީހުގެ ތެރެއަށް ހިނގާލެވޭ ހިނގާލުމެއްގެ ގޮތުގައި ފަރުމާކުރެވިފައިވާ ޕާކެކެވެ.

ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކުން ވާހަކަ ވަލުގެ މަގުތަކުން ހިނގަމުންދާއިރު، ގަސްގަހާގެހީގެ ތެރެއިން ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގެ މުހިންމު ހާދިސާތައް ތަރުތީބުން ފެންނަން ހުންނަ ގޮތަށް ފަރުމާކުރެވިފައިވާ މި ހިނގާލުމުގައި، މިލާދީ ސަނަތުން 1558 ގައި، މާލެ އިސްތިޢުމާރު ކުރި ހިސާބުން ފެށިގެން، ހއ. ބާރަށުގައި ކަޅުއޮށްފުންމި ބެންނެވުމާއި، މީލާދީ ސަނަތުން 1573 ގައި ލިބުނު ފަޚްރުވެރި ނަޞްރާ ހަމައަށް ވާހަކަތައް ގެނެސްދެވިފައިވެއެވެ. މިއީ ފަންނުވެރިކަމާއި ޤުދުރަތީ ރީތިކަމާއި ތާރީޚު އެއްތަނަކުން ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިވެގެންދާގޮތަށް ފަރުމާކުރެވިފައިވާ ޕާކެކެވެ.

މި މަޝްރޫޢަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ޤައުމިއްޔަތަށް ދެއްވާ ހާއްސަ އަހަންމިއްޔަތާއެކު ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދަމަހައްޓައި، ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދަވާ މަޝްރޫއެކެވެ. "ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫއު"ގެ ދަށުން ސަރުކާރުން އަމާޒު ހިފާފައި ވަނީ އުތީމަކީ ސަގާފީ ފަތުރުވެރިކަމާއި ޤައުމީ ތާރީޚުގެ މުހިންމު މަރުކަޒަކަށް ހެދުމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު