ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް، ދިވެހި އަދަބިއްޔާތަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ކަށިމާ އަހުމަދު ޝާކިރަށް މިއަދު އަރުވައިފި އެވެ. 
ކަށިމާ ޝާކިރަށް މި ޝަރަފް އެރުވީ ހއ. އުތީމުގައި މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.މިއީ ޝާކިރު ދިވެހި ގައުމަށް ވޭތުވެދިޔަ 55 އަހަރަށްވުރެ ދިގު މުއްދަތުގައި ކުރެއްވި އިޚުލާސްތެރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެރުވުނު ޝަރަފެކެވެ.ކަށިމާ ޝާކިރު، ދިވެހި ދައުލަތުގެ ިހދުމަތް ފެށްޓެވީ، މީލާދީ ސަނަތުން 1969ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ ހިދުމަތުގައި އުޅުއްވުމަށްފަހު، 2010 ވަނަ އަހަރުގެ ތެރޭގައި ވަކިވެވަޑައިގެންނެވިއިރު، ދައުލަތުގެ އެކި އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވެ އެވެ.އެ މަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގެ ވަކީލު ކަމުގެ މަގާމާއި، ޝިޕިން މާސްޓަ ކަމުގެ މަގާމާއި، ޑިރެކްޓާ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމާއި، ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމު ހިމެނެ އެވެ.އޭގެ ފަހުން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ޑިރެކްޓަ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަ ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަ ކަމުގެ މަގާމު ފުރުއްވިއެވެ. ދައުލަތުގެ ޚިދުމަތުން ވަކިވެވަޑައިގަތުމަށްފަހު، 12 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ވިލާ ކޮލެޖުގައި ކިޔަވައި ދެއްވައި، ސީނިއަ ކަރިކިއުލަމް ޑިވެލޮޕަރެއްގެ މަގާމުގައި މަސައްކަތް ކުރައްވާފައިވެ އެވެ.ކަށިމާ ޝާކިރުގެ ހިދުމަތް، ތަފާތު ދާއިރާތަކުން ފެންނަމުންގޮސް، ދިވެހި އަދަބިއްޔާތުގެ އެންމެ ކުލަގަދަ އެއް ދާއިރާކަމުގައި ހިމެނޭ ހުނަރުވެރިކަމާއެކު ވާހަކަ ދެއްކުމުގެ ފަންނުގައިވެސް ޝާކިރު ވަނީ، ކުރިބޯށްޓާހަމައަށް ވާސިލުވެ ވަޑައިގެންފަ އެވެ.ދިވެހިރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމާއި، ތާރީޚީ ފޮތް ލިޔުއްވުމުގެ ރޮނގުން ވެސް ކަށިމާ ޝާކިރު ގެންދަވަނީ، ގިނަ ޚިދުމަތްތަކެއް ކުރައްވަމުންނެވެ. ރައީސް މައުމޫނުގެ ޚިދުމަތުގެ ފުރަތަމަ 15 އަހަރުގެ ތާރީޚު ފޮތްތައް ލިޔުއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި "ވިހިވަނަ ގަރުނުގެ ތެރޭގައި ދިވެހިރާއްޖެ" މި ނަމުގައި 640 ސަފުހާ ހިމެނޭ އެއްގަރުނުގެ ތާރީޚު ފޮތާއި، މި ސީރީޒްގެ އިތުރު ފަސް ވޮލިއުމްވެސް ލިޔުއްވައިފައި ވަނީ ކަށިމާ އަޙްމަދު ޝާކިރެވެ.ކަށިމާ ޝާކިރަކީ، ރައްޔިތުންގެ މަޖިލީހުގެ މާލެ އަތޮޅު މެންބަރުކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާލެ އަތޮޅު މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ރައީސް މުއިއްޒު އުފައްދަވައިފައިވާ ދިވެހި ގައުމިއްޔަތުގެ އިސްވަރު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދިވެހި ތާރީހުގެ އިސްވާރުގެ މަގާމުގައި ވެސް ހުންނެވި ކަށިމާ ޝާކިރަކީ ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސަން ވެސް މެ އެވެ.