ޚަބަރު
ސާލިމް މަރަން ކުރި ހުކުމްގެ އިސްތިއުނާފް ބަލައިގެންފި
ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލި އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމާދު އަބޫބަކުރުގެ ގާތިލް: ސާލިމް
އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ބަންގަލްދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ހިނގި މި ހާދިސާގައި، މަހުމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ފެނުނީ، ވަރަށް ބޮޑަށް ޒަހަމްކޮށްލައި މަރާލުމަށް ފަހު ދަނގެތީގެ ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވަ އެވެ. 

އެ މައްސަލައިގެ ޝަރީއަތުގައި ސާލިމް ވަނީ ކުށަށް އިއުތިރާފުވެފައެވެ. 

މި މައްސަލައިގައި ސާލިމް ކޯޓުގައި އިއުތިރާފްވުމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. މި މައްސަލައިގައި މަހުމޫދްގެ ވާރިސުން ކޯޓުގައި އެދިފައިވަނީ މަރަށް މަރު ހިފުމަށެވެ.

އެހެންކަމުން މިމައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ ސާލިމްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ.

ސާލިމް މަރަން ކްރިމިނަލް ކޯޓުން ހުކުމް ކުރުން އެ މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ނުކުރުމުން މައްސަލަ އިސްތިއުނާފް ކުރީ ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލް އެވެ. ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމާފަ އެވެ.

ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވަނީ ހުކުމެއް ނިހާއީ ހުކުމަކަށް ވާނީ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެ މައްސަލައެއް އިސްތިއުނާފް ކުރުމުން އެކަމާ ބެހޭ އުސޫލުތަކުގެ ތެރެއިން އިސްތިއުނާފުގެ މަރުހަލާތައް ނިމުމުން ނުވަތަ ހުކުމާމެދު ދެ ފަރާތުން ކުރެ ފަރާތަކުން އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި މައްސަލަ އިސްތިއުނާފް ނުކޮށް އޮއްވައި އިސްތިއުނާފުގެ މުއްދަތު ހަމަވުމުން ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ 1204 ވަނަ މާއްދާގެ (ރ)ގައި ބުނެފައިވަނީ ކުށްވެރިޔަކު މެރުމަށް ކޯޓުން ހުކުމެއް ކޮށްފިނަމަ އެ ހުކުމުގައިވާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ ކަމަށެވެ. ގާނޫނުގެ މި މާއްދާއާއި ހަވާލާދީ ސުޕްރީމް ކޯޓުން ކަނޑައެޅި ނިންމުމެއްގައި ވަނީ މަރުގެ ހުކުމް އަންނަ މީހުންގެ މައްސަލަ އެފަރާތަކުން އިސްތިއުނާފް ނުކޮށްފިނަމަ އެ މައްސަލައެއް އޭގެ ޒާތުގައި އިސްތިއުނާފް ކުރުމަށް މަތީ މަރުހަލާގެ ކޯޓަށް ޕްރޮސިކިއުޓާ ޖެނެރަލް ހުށަހަޅަންވާނެ ކަމަށެވެ.

ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވަނީ މި މައްސަލަ އިސްތިއުނާފް ކުރަން ހުށަހަޅާފައިވަނީ ޖިނާއީ މައްސަލަތަކުގައި ކުރާ ހުކުމްތައް އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވިފަހުން ކަމަށާއި އެހެންވެ މައްސަލަ ބަލައިނުގަތުމަށް ނިންމެވީ ކަމަށެވެ. 

އެހެންވެ، ޕީޖީ އޮފީހުން ނިންމީ އެ މައްސަލަ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އިސްތިއުނާފު ކުރާށެވެ. ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ މި މައްސަލަ ބަލައިގަނެ، އޮގަސްޓު 19 ގައި މައްސަލަ ރަޖިސްޓްރީކޮށްފަ އެވެ.

ސާލިމަކީ އެރަށު އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެނެސްފައިހުރި މީހެކެވެ.

އުމުރުން 57 އަހަރުގެ މަހުމޫދު މަރާލީ މަހުމޫދު ކައިރިން ސާލިމް ފައިސާ އަށް އެދުމުން އެކަމަށް އިންކާރުކުރުމާ ގުޅިގެން ހިނގި ކުރިމަތިލުމަކަށްފަހު އެވެ. މަހުމޫދުގެ ކަރަށާއި، ބޮލަށް އަދި މެޔަށް ވަޅިޔަކުން އަދި ކޮޅުތޫނު ދަގަނޑުބުރިއަކާއި އިތުރު ދެ ދަގަނޑުބުރިން ވަނީ ހަމަލާ ދީފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު