އޮޕަރޭޝަނެއްގައި ކަނޑުމަތީ ހަރަކާތްތެރިވި ފުލުހަކު މަރުވެފައި އޮއްވައި ރޭ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ސީނިއާ ސާޖަންޓް އަހްމަދު އާސިފް ގެއްލުނުކަން ފުލުހުންގެ ސަމާލުކަމަށް އައުމާ އެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށެވެ."އެގޮތުން ހޯދުމުގެ މަސައްކަތުގެ ތެރެއިން އެ ފުލުސް މީހާ މޫދު އަޑިން ވަނީ ފެނިފަ އެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު ވަނީ އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފަ އެވެ،" ފުލުހުންގެ މީޑިއާއިން ބުނެފައިވެ އެވެ.ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އެތަނަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފަ އެވެ.ފުލުހުން ބުނީ މި ހިތާމަވެރި ވަގުތު، ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި މި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏެވެ.