ޚަބަރު
އިންތިޤާލީ އިންސާފުގެ އޮފީހުގެ މުއްދަތު އިތުރުކުރަން ނިންމަވައިފި
އިންތިޤާލީ އިންސާފުގެ އޮފީހުގެ ދައުރުގެ މުއްދަތު އިތުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.

އިންތިޤާލީ އިންސާފުގެ އޮފީހަކީ އިންތިޤާލީ އިންސާފުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފެއްދުމަށް ލާޒިމުކޮށްފައިވާ އޮފީހެކެވެ. އެ އޮފީސް އުފެއްދީ 2020 ޑިސެމްބަރު 17 ގައެވެ.

އެ އޮފީހުގެ މުއްދަތު ހަމަވާން މިހާރު ބާކީ އޮތީ ދެ މަހެވެ. ޤާނޫނުގައި ބުނެފައިވާ ގޮތުން އެ އޮފީހުގެ މަސައްކަތްތައް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން ގޮތް ނިންމެވުމުގެ ބާރު އޮންނާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބަލަމުންދާ މައްސަލަތައް ނިންމަން މިހާރު އޮތީ ހަތަރު މަހަށް ވުރެ ކުރު މުއްދަތެކެވެ. އެ އޮފީހުން މައުލޫމާތު ދޭ ގޮތުގައި ހުށަހެޅުނު މައްސަލަތަކުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މައްސަލަތަކުގެ ތަހުގީގު މަރުހަލާ ނިމިފައިވާއިރު، ބައެއް މައްސަލަތަކުގައި މީޑިއޭޝަން މަރުހަލާ ވެސް ވަނީ ނިމިފަ އެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވެފައިވަނީ އިންތިޤާލީ އިންސާފުގެ އޮފީހުގެ މުއްދަތު އިތުރުކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވާފައިވާ ކަމަށެވެ.

ނަމަވެސް މިހާތަނަށް އެ އޮފީހުގެ މުއްދަތު އިތުރުކުރާނީ ކިހާ މުއްދަތަކަށް ކަމެއް ނިންމަވާފައިނުވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އޮފީހުގެ މުއްދަތު އިތުރުކުރާނެ މިންވަރަކާ ގުޅޭ ދިރާސާތައް ކުރުމުގެ މަރުހަލާ ކަމަށް މިއުވާން ވިދާޅުވިއެވެ.

އޮފީހުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ގިނައީ ގެދޮރާއި ބޯހިޔާވަހިކަމުގެ މައްސަލަތަކެވެ. އަދި އޭގެ އިތުރުން ވެސް ކުރީގެ މުހައްމަދު އަމީން ހަވަރަށް ދިނުމާއި، ގދ. ތިނަދޫ ފަޅުކޮށްލުން ފަދަ ބޮޑެތި އަދި ތާރީހީ މައްސަލަތައް ވެސް އެ އޮފީހުގައި އެބަ އޮތެވެ. އެ މައްސަލަތައް މިހާރު އެ އޮފީހުން ތަހުގީގުކުރަން ފަށާފައިވާއިރު، ބައެއް މައްސަލަތަކުގައި ތާރީހީ ލިޔެކިޔުންތައް ނުބެލެހެއްޓި ހުރުމުން އެކި ކަހަލަ ދަތިތަކާ ކުރިމަތިވާ ކަމަށް އެ އޮފީހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

މި އޮފީހުގެ މުއްދަތު އިތުރު މިކުރީ ވައުދުވި ގޮތަށް އިންސާފު ހޯދައިދެވުނީ ކޮން ބަޔަކަށްތޯ ސުވާލު އުފައްދައި ފާޑުކިއުން ބޮޑުވެފައި ވަނިކޮށެވެ. އެސެޓް ރިކަވަރީ ކޮމިޝަނެކޭ އެއްގޮތަށް މި އޮފީހުން ވެސް ނަތީޖާއެއް ނެރެވިދާނެތޯ ދަނީ ސުވާލު އުފައްދަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު