
ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ކާރާއި ސައިކަލު ވެސް ހިމެނެ އެވެ.އޭގެ ތެރެއިން 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން މިއަދު އެންގީ އޭގެ ތެރެއިން ބައެއް ވެހިކަލްތަކުގެ ވެރިފަރާތުން ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅުމަށްފަހު އެފަދަ ވަގުތީ އަމުރަކަށް އެދުމުންނެވެ.ދައުވާ ކުރާ ފަރާތްތަކުން އެ މައްސަލައިގައި ބުނީ އެ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރީ ގަވާއިދާ ހިލާފަށް، ގަވާއިދާ ހިލާފުވި ކަމަށް ބުނާ ގޮތް އެންގުމެއް ނެތި އަދި ދުރާލައި ރަޖިސްޓްރީ ބާތިލް ކުރާކަން ވެސް އެންގުމެއް ނެތި ކަމަށެވެ.އެ މައްސަލައިގައި ދައުލަތުން ބުނީ އެ އުޅަނދުތައް ބާތިލް ކުރީ އެއީ އުމުރު ހަމަނުވި ނަމަވެސް ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަކަށްވުމުން ކަމަށެވެ. އަދި އެ އުޅަނދުތަކުގެ ރަޖިސްޓްރީ މާލޭ ޒޯނަށް ބަދަލު ކުރީ ވެސް ގަވާއިދާ ހިލާފަށް ކަމަށް ދައުލަތުން ބުންޏެވެ.ކޯޓުގެ އަމުރުގައި އަންގާފައިވަނީ އެ މައްސަލަ ނިމެންދެން، ދެ ފަހަރެއްގެ މަތިން ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އަދި އެ ދެ އިއުލާނުގައި ހިމެނޭ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްވެފައިވާ ކަމަށް މިހިނދަށް ނުބެލުމަށެވެ.ކޯޓު އަމުރުގައި ހިމަނާފައިވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ނެރުނު އިއުލާނަކާއި މިދިޔަ މަހުގެ 26 ވަނަ ދުވަހު ނެރުނު އިއުލާންގައި ހިމެނޭ ވެހިކަލްތަކެވެ.މީގެ އިތުރުން އެ ދެ އިއުލާންގައި ހިމަނާފައިވާ އެއްވެސް އުޅަނދަކަށް ހިދުމަތް ދިނުމުގައި ތަފާތު ނުކުރަން ވެސް ގާޒީ ހާފިޒާ އަބްދުއްސައްތާރު ނެރުއްވި އަމުރުގައި އަންގާފައިވެ އެވެ.