ޚަބަރު
ނަޝީދު ވަކިކުރުމުގެ ފަހަތުގައި އޮތީ ސަރުކާރު: ހަސަން
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިކުރުމުގެ ފަހަތުގައި އޮތީ ސަރުކާރު ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު، މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް މިއަދު ވަނީ ހުށަހަޅައިފަ އެވެ.

ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅީ ގާނޫނީ ވަކީލު އަހުމަދު ތޯލިބެވެ. އެއީ މިސްރުގައި މިހާރު ކުރިއަށްދާ ކޮޕް-27 ސަމިޓްގައި ސްރީލަންކާ ތަމްސީލްކުރާ ވަފުދުގައި ނަޝީދު ބައިވެރިވެވަޑައިގަތުމުން ހުށަހެޅި މައްސަލައެކެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި ފާހަގަކޮށްފައިވާ ގާނޫނީ ނުކުތާއަކީ، ނަޝީދުގެ އެ އަމަލަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މަޖިލީހުގެ މެންބަރެއްގެ ޒިންމާތަކާއި ޝަރުތުތަކާ ހިލާފު އަމަލެއް ކަމުގަ އެވެ. އެގޮތުން, އެއީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން ހަސަން ލަތީފް ވިދާޅުވީ ނަޝީދު ވަކިކުރަން މަޖިލީހުން އަދަދު ނުލިބުމުން މިހާރު މަސައްކަތް ފެށީ ކޯޓު މެދުވެރިކޮށް ނަޝީދު މެމްބަރުކަމުން ވަކިކުރެވޭތޯ ކަމަށެވެ. މިއީ ގާނޫނީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމަށާއި މިކަމުގެ އަޑީގައި އޮތީ ސަރުކާރު ކަމަށް ގަބޫލުކުރާ ކަމަށް ހަސަން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު