
ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅީ ޒުވާން ގާނޫނީ ވަކީލު އަހުމަދު ތޯލިބެވެ. އެއީ މިސްރުގައި މިހާރު ކުރިއަށްދާ ކޮޕް-27 ސަމިޓްގައި ސްރީލަންކާ ތަމްސީލްކުރާ ވަފުދުގައި ނަޝީދު ބައިވެރިވެވަޑައިގަތުމުން ހުށަހެޅި މައްސަލައެކެވެ.އެ މައްސަލައިގައި ބުނެފައިވަނީ, ދިވެހި ދައުލަތުގެ މަސްލަހަތު ފުށުއަރާ ގޮތަށް ދިވެހި ދައުލަތުން މުސާރަ ނަންގަވައިގެން ދިވެހި ގައުމަށް ވަފާތެރިވުމަށް ކޮށްފައިވާ ހުވަޔާ ހިލާފަށް އެހެން ސިޔާދަތީ ބާރެއް ތަމްސީލްކުރުމަކީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފް ކަމެއް ކަމަށެވެ.ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރަން ޖެހޭނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާ މަންފާއަށް އިސްކަންދީގެން ކަމަށެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.އެހެންކަމުން ރައީސް ނަޝީދުގެ އަމަލަކީ ޣައިރު ގާނޫނީ އަމަލެއްކަމަށް ކަނޑައަޅައި އެމަނިކުފާން މެންބަރު ކަމުގެ ގާނޫނީ ޝަރުއީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދެއްވުމަށް ތާލިބް ހުށަހެޅި މައްސަލައިގައި ވަނީ ބުނެފައެވެ.އަދި "އޭނާގެ ކިބައިން ގާނޫނުއަސާސީގައި ބުނާ ގާނޫނީ ޝަރުއީ މަގާމާއި ހައިސިއްޔަތު ބާތިލުވެފައިވާ ކަމަށްބަލައި ނަޝީދު މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް،" ވެސް ދައުވާގައި އެދިފައިވެ އެވެ.އެ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތް ކަމެއް އަދި ސާފެއް ނޫނެވެ.ދިވެހި ސަރުކާރުގެ ވަފުދެއް ނައިބު ރައީސް ފައިސަލް ނަސީމް އިސްކޮށް ހުންނަވާ ކޮޕް 27 އަށް ވަޑައިގަންނަވާފައިވަނިކޮށް މަޖިލީހުގެ ރައީސް ވެސް އެ ކޮންފަރެންސްއަށް ވަޑައިގެންނެވީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާގެ އިންޓަނޭޝަނަލް ކްލައިމެޓް އެޑްވައިޒަރުގެ ހައިސިއްޔަތުންނެވެ. މި ކަމާއި ޤާނޫނީ ފަންނުގެ ގިނަބޭފުޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް ވަނީ ފާޑުވިދާޅުވެފައެވެ. މުނައްވަރު ވިދާޅުވީ ރާއްޖޭގެ ތިން ބާރުގެ ތެރެއިން ގާނޫނު ހަދާ ބާރުގެ އެންމެ އިސްވެރިޔާ އެހެން ގައުމެއް ތަމްސީލް ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަކީ ލަދުވެތި ކަމެއް ކަމަށެވެ."ދިވެހި ދައުލަތަށް ޚިޔާނާތްތެރިވެވޭނެ އެހެން ގޮތެއް ކިޔައިދެއްވަ ބައްލަވާ މިއަށްވުރެ ބޮޑަށް. އެހެން ގައުމެއް ތަމްސީލްކުރަން މިދިޔައީ އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް. އަޖައިބެއް ނޫން ތޯ," މުނައްވަރު ވިދާޅުވިއެވެ.ނަޝީދުގެ ދަތުރަށް ފާޑުކިޔުން އަމާޒުވުމާ އެކު, ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފައިވާ ގޮތުގައި ކޮޕް 27 އަށް ނަޝީދު ކުރައްވާ ދަތުރަށް މަޖިލީހުން އެއްވެސް ހަރަދެއް ނުކުރެ އެވެ. އެ ދަތުރުގެ ހަރަދުތައް ބަލަހައްޓަނީ، އެ މަނިކުފާނު އިސްވެ ހުންނަވައި އުފައްދަވާފައިވާ ތިމާވެއްޓާ ގުޅޭ ބައިނަލްއަގުވާމީ ޖަމިއްޔާ، ކްލައިމެޓް ވަނަރަބަލް ފޯރަމް (ސީވީއެފް) އިންނެވެ. އަދި, ރަނިލްގެ އެޑްވައިޒަރުގެ މަގާމަކީ މުސާރަ ލިބޭނެ މަގާމެއް ވެސް ނޫނެވެ.