ޚަބަރު
ނާކާމިޔާބު ކޮށްލެވުނީ ޓެރަރިޒަމްގެ އެންމެ ނުރައްކާތެރި އެއް ރޭވުން: މާރިޔާ
ދާދި ފަހުން ސިފައިންނާއި ފުލުހުން ގުޅިގެން އައްޑޫ އަދި އެހެން ބައެއް ހިސާބުތަކުގައި ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނަކީ މިހާތަނަށް ނާކާމިޔާބު ކޮށްލެވުނު އެންމެ ނުރައްކާތެރި އެއް ޓެރަރިޒަމްގެ ރޭވުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ޓެރަރިސްޓު ޖަމާއަތް، އައިއެސްއަށް ތާއީދުކުރާ ކަމަށް ބުނާ ބަޔަކު ދޭން އުޅުނު މި ހަމަލާގެ މައުލޫމާތު ލިބިގެން، ފުލުހުންނާއި ސިފައިން މާލެ އާއި އައްޑު އާއި ކ. ގުރައިދޫގައި މި މަހުގެ 11ގައި ބޮޑު އޮޕަރޭޝަނެއް ފެށި އެވެ.  އެ އޮޕަރޭޝަންގައި ފުލުހުން ވަނީ 14 މީހަކު ހައްޔަރުކޮށްފަ އެވެ. 

އެމްއެންޑީއެފް ސަދަން އޭރިޔާގެ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ހަފްލާގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން މާރިޔާ ވިދާޅުވީ، ދާދި ފަހުން ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫ އަދި އެހެން ބައެއް ހިސާބުތަކުގައި ހިންގި ކައުންޓަރ ނިރުބަވެރި (ޓެރަރިޒަމް) އޮޕަރޭޝަނަކީ މިހާތަނަށް ނާކާމިޔާބު ކޮށްލެވުނު އެންމެ ނުރައްކާތެރި އެއް ރޭވުން ކަމަށެެވެ.

"ހަރުކަށި ފިކުރު ފެތުރުނަ ނުދޭން ސަރުކާރުން ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން. އެހެންނަމަވެސް، މުޖުތަމައުގައި މިފަދަ ނުރައްކާތައް ފަތުރާ، ރައްޔިތުންނާއި މުދަލަށް ގެއްލުން ދިނުމަށް ރާވާ ފަރާތްތަކުން ހަމައެކަނި އެކަމަށް ހުސްވެލައިގެންތިބެ ކެނޑިނޭޅި އެމަސައްކަތް އެބަކުރޭ" މާރިޔާ ވިދާޅުވިއެވެ.

"މި ގާބިލްކަން ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ވަރަށް ބޮޑަށް އިތުރުކޮށް ވަރުގަދަކުރަންޖެހޭކަމަށް އަޅުގަނޑު ދެކެން،" 

މިނިސްޓަރު ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ޓުއަރިޒަމަށް ބަރޯސާވެފައިވާ، ނާޒުކު އިގްތިސާދެއް އޮތް ގައުމެއްގައި، މިފަދަ ހާދިސާއެއް ހިނގުން ވެގެންދާނީ، އޭގެ ގެއްލުން އެތައް އަހަރަކަށް ދެމިގެންދާނެ ކަމަކަށް ކަމަށެވެ.

"މިފަދަ ނޭއްގާނީ ވިސްނުމުގެ މީހުން އެމީހުންގެ ޕްރޮޕެގެންޑާ ފަތުރަމުންދަނީ ސައިބާ ނުވަތަ އިންފޮމޭޝަން ޑޮމެއިންގައި. ޓެކްނޮލޮޖީ އާއި މީސްމީޑިއާއަށް އައިސްފައިވާ އިންގިލާބީ ބަދަލުތަކުގެ ސަބަބުން މިފަދަ ހަރަކާތްތައް ހިންގުމަށް އެފަދަ ފަރާތްތަކަށް ލިބޭ ފުރުސަތު އިތުރުވޭ،" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަދަލުވަމުންދާ މާހައުލާއި އެއްގޮތަށް ސިފައިންވެސް ދާންޖެހޭނީ ބަދަލުވަމުން ކަމަށާއި މައުލޫމާތުގެ މި ޒަމާނުގައި މައުލޫމާތު ހޯދާ، އެއްކޮށް، ދިރާސާކޮށް އޭގެ މައްޗަށް ބިނާކޮށް އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލްކަން ގާއިމްކުރުމަކީ ގައުމުގެ ބަދަލުވަމުންމިދާ ހާލަތުގައި ވަރަށް މުހިންމުކަމެއް ކަމަށެވެ.

ރާއްޖޭގެ ދެކުނުގައި އެއާޕޯޓުތައް ގިނަކަން ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވީ އެތަންތަން ހިންގުމަށް ވެސް ސިފައިން މުހިންމު ރޯލެއް އަދާ ކުރާ ކަމަށެވެ.

"އިންޓަރނޭޝަނަލް އެއަރޕޯޓެއް ހިމެނޭހެން ފަސް އެއާޕޯޓާއި އިންޓާނޭޝަނަލް ސީ ޕޯޓް [މި ސަރަހައްދުގައި] އެބަ އޮތް. މި ހުރިހާ ކަންކަމަކަށް ހަރަކާތްތެރިވާން ވެސް، މި އިންފްރާސްޓްރަކްޗާތައް ބަލަހައްޓަން ވެސް، މި ތިބީ ހަމަ ތިޔަ ސިފައިން. މިހުރިހާ ކަންކަމަށް ސިފައިން ތިބެނީ ވެސް އަދި ތިބެންޖެހޭނީ ވެސް ތަމްރީންވެ ތައްޔާރުވެގެންކަމަށް ރައްޔިތުން ދެކޭ،" މާރިޔާ ވިދާޅުވި އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ހައްޔަރުކުރި މީހުންގެ ގެތަކާއި އެމީހުން ބޭނުންކުރަމުންދާ ބައެއް ގެތަކާއި ވެހިކަލްތަކާއި ޑީންގީއެއް ފާސްކޮށް، މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ހޯދާފައިވެ އެވެ. އެގޮތުން:

  • އެ މައްސަލައިގައި ހައްޔަރުކުރި މީހަކު ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް ހައި އެކްސްޕްލޯސިވް ކެމިކަލް ކަމަށް ޝައްކުކުރެވޭ ތިން ބާވަތެއްގެ ސާމްޕަލް ނަގާފައިވޭ 
  • އެއީ ހައި އެކްސްޕްލޯސިވްގެ މާއްދާތައް ހިމެނޭ ސާމްޕަލްތަކެއްކަން، އެމްއެންޑީއެފްގެ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) އިން ޗެކްކުރުމުން އެނގިފައިވޭ
  • އެ ސާމްޕަލްތަކުން ފެނުނު ބާވަތްތަކަކީ ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ހައި އެކްސްޕްލޯސިވްގެ ވައްތަރުތަކެއް
ހަމަލާ ދޭން އުޅުނު ތަނެއް އަދި ހަމަލާ ދޭން އުޅުނީ ވަކި ބަޔަކަށް އަމާޒުކޮށްގެން ކަމެއް ފުލުހުން ނުބުނެ އެވެ. ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މި ހަމަލާ ކާމިޔާބުވި ނަމަ، ގިނަ ބަޔަކު މަރުވުމުގެ ފުރުސަތު ބޮޑެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
67%
33%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު