
ގަތަރުގެ އަހުމަދު ބިލް އަލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ވޭލްސްގެ ފޯވާޑް ކީފާ މޯ އަށެވެ. ނަމަވެސް އިރާންގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ މޯ ފޮނުވާލި އެ ހަމަލާ އިރާންގެ ގޯލްކީޕަރު ހޮސެއިނީ ވަނީ ދިފާއުކޮށްފަ އެވެ.މެޗުގެ 16 ވަނަ މިނެޓްގައި އިރާންގެ އަލީ ގްލާޒާދޭ ލަނޑު ޖެހުނު ކަމަށް ބަލައި، އިރާންގެ ކުޅުންތެރިން އުފާފާޅު ކުރި އެވެ. އިރާންގެ ސަރުދާރް އަޒުމޫން ދިން ޕާސް ގޯލްގެ ތެރެއަށް ވައްދާލި އެވެ. އޭގެ އޭގެ ކުޑަ އިރުކޮޅެއް ފަހުން ވީއޭއާރް އޮފިޝަލުންނާ ވާހަކަ ދައްކައި ރެފްރީ ވަނީ ގޯލެއް ނޫން ކަމަށް ނިންމައިފަ އެވެ. ވީއޭއާރުން ފެންނަ ގޮތުގައި ގްލާޒާދޭ އޮފްސައިޑް ވެފައި ވަނީ ވަރަށް ކުޑަކޮށެވެ.އޭގެ ފަހުން ވޭލްސްގެ ހަމަލާތައް ނުރައްކާ ކުރި އެވެ. ވާދަވެރިކޮށް ދިޔަ ފުރަތަމަ ހާފުގައި ގިނަ ހަމަލާތެއް އުފެއްދީ ވޭލްސް އެވެ. އެކަމަކު ދެވަނަ ހާފުގައި އިރާން ފެނުނީ މާ ބޮޑަށް ވެސް ތަފާތު ކޮށެވެ. ކައިރި ކައިރީގައި އުފައްދަމުން ދިޔަ ހަމަލާތަކުން ވޭލްސްގެ ގޯލަށް ބާރު ބޮޑު ކުރަމުން ދިޔަ އެވެ.އެގޮތުން މެޗުގެ 52 ވަނަ މިނެޓްގައި އިރާނުން ފޮނުވާލި ދެ ހަމަލާއެއް ވޭލްސްގެ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ވޭލްސްގެ ކީޕަރު ވޭން ހެނެސީ ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް މަތަކޮށްފަ އެވެ.މެޗުގެ 73 ވަނަ މިނެޓުގައި ވެސް އިރާނުން ލީޑް ނަގަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އިރާންގެ މިޑްފީލްޑަރު ސައީދު އަޒްތޮލަހީ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި، ޖެހި ބޯޅަ ވޭލްސް ކީޕަރު ވޭން ހެނެސީ ދިފާއުކޮށް ކޯނަރަކަށް ވަނީ ބޭރުކޮށްލައިފައެވެ.އިރާނުން މި ހާފުގައި ކައިރިކައިރީގައި ވޭލްސްގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު ވޭލްސް އަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ އެޓީމުގެ ކީޕަރު ހެނެސީ އަށް ދެއްކި ރަތްކާޑާއެކު އެވެ. މިއަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދިޔަ ފުރަތަމަ ރަތްކާޑު ހެނެސެނީ އަށް ދެއްކީ ވޭލްސްގެ ޕެނަލްޓީއޭރިއާގެ ބޭރުން އޭނާ އިރާންގެ ކުޅުންތެރިއަަކަށް ކުރި ފައުލަކާ ގުޅިގެންނެވެ.މެޗުގެ ބާކީބައި 10 ކުޅުންތެރިންނާއެކު ވޭލްސް އިން ފުރިހަމަ ކުރަން ޖެހުނުއިރު އިރާނުން މެޗުގެ ލީޑު ނެގީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 9 މިނެޓްގެ ތެރެއިން އަށްވަނަ މިނެޓްގަ އެވެ. ވޭލްސްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުން މި ގޯލް އިރާނަށް ކާމިޔާބުކޮށްދިނީ ރޫޒްބޭ ޗެޝްމީ އެވެ. ވޭލްސްގެ އެއް ކުޅުންތެރިޔަކު މަދުވުމުން އިރާންގެ އޭގެ ފައިދާ ނެގި އެވެ. އެގޮތުން އިރާނުން ލީޑް ފުޅާކުރީ ރަމިން ރާޒިއަން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ޖެހި ރީތި ހިތްގައިމު ގޯލުންނެވެ.މެޗުގައި ތަފާތު ދައްކާނެ ކަމަށް ބެލެވުނު، ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް އަށް މިއަދުގެ މެޗުގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ. ތަޖުރިބާކާރު މީޑްފީލްޑާ އާރޮން ރަމްސީ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ފަހު ވަގުތު ހޯދި މޮޅަށް ފަހު އީރާންގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. މި ގްރޫޕްގައި ދެން ހިމެނޭ އިންގްލެންޑް އާއި އެމެރިކާ މިރޭ ބައްދަލުކުރާއިރު މި މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 12 ޖަހާއިރު އެވެ.