
ސިވިލް ކޯޓުން އިއްޔެ ވަނީ އެކަން އަންގާފައެވެ. ނަޝީދުގެ ފަރާތްޕުޅުން މައްސަލަ ކޯޓަށް ހުށައަޅުއްވާ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވާނީ ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ "ލިޓިގެންޓްސް" ލޯފާމުންނެވެ.ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ ޝަރީފްގެ މައްޗަށް އަބުުރުގެ ދައުވާ ކޯޓަށް ހުށައެޅުއްވީ އެއްޗެއް ގޮއްވާލާ އެތައް ބަޔަކު މަރާލަން ނަޝީދު ރޭއްވެވި ކަމަށް ތުހުމަތު ކުރައްވާ ޝަރީފް ދެއްކެވި ވާހަކަތަކާއި ގުޅިގެން ކަަމަށެވެ. އެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދުގެ އަބުރު ގެއްލިފައިވާ ކަމަށެވެ. އަދި އަބުރަށް އަރައިގަތުމުން ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައި ދިނުމަށް އެދިފައިވެއެވެ. އިބްރާހީމް ޝަރީފް ކުރި ޓުވީޓުގައި ވިދާޅުވީ، ރައީސް މައުމޫނުގެ ވެރިކަން ވައްޓައިލުމަށް ފަންސާސް މީހަކު މަރާލައި އެ މީހުންގެ މަރުތައް ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު ރޭއްވެވިކަމަށާއި އެ އަނިޔާވެރި އަމަލު ހުއްޓުވަން އެމްޑީޕީގެ އޭރުގެ ޕާލިމަންޓަރީ ގުރޫޕުން ގަރާރެއް ފާސްކުރިކަމަށެވެ.އަދި ނަޝީދު 50 މީހުން މަރުއްވަން އުޅުއްވީ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ކަމަށާއި ނަޝީދު ރާވާފައި އޮތީ އެ ކުލީ ސިފައިން ނޫސްވެރިންގެ ގޮތުގައި ރާއްޖެ ގެނެސް އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން 50 މީހުން މަރާލަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.ޝަރީފްގެ އެ ހުރިހާ އިލްޒާމްތަކެއް ނަޝީދު ވަނީ ދޮގުކޮށްފައެވެ.