އަލީ ރާޒީ
26 ފެބުރުއަރީ 2023 - 13:30
0 comments
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންސް އޭޕްރީލް 15 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

މިކަން އިއުލާން ކުރައްވަމުން ކުރެއްވި ޓުވީޓުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ފޯމު ބަލައިގަތުން މާދާމާއިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. ފޯމު ބަލައިގަތުމަށް އޮންނަ މުއްދަތަކީ ހުޅުވާލާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށެވެ.ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހިމް ރިޒާ, 55, މި މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ.ރިޒާ އަވަހާރަވީ ގޮހޮރުގެ އާލާސްކަންފުޅަކަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ރިޒާ ގެންދެވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުންނެވެ.