ޚަބަރު
ބީއެމްއެލްއިން ފައިސާ ގެއްލޭތީ ކުއްލި މައްސަލައެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ އެކައުންޓްގައި ހުންނަ ފައިސާ ބައެއް މީހުންނަށް ނޭނގި ގެއްލޭ ކަމަށް ބުނާ ޝަކުވާތައް ގިނަވެފައިވާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި އެވެ.

މަކަރާއި ހީލަތުން ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ޔޫސާނޭމް އަދި ޕާސްވޯޑް ހޯދައިގެން އެކައުންޓުގައި ހުންނަ ފައިސާ ކެނޑޭ މައްސަލަ ވަނީ އާންމުވެފަ އެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ، ރާއްޖޭގައި އެހެން ގިނަ ބޭންކުތަކެއް ހިންގަމުންދާއިރު، މި މައްސަލަ ހަމައެކަނި ބީއެމްއެލްއަށް ދިމާވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އަދި ބީއެމްއެލްގެ ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ހޯދައިގެން، އޮޅުވާލައިގެން އެކި އެކައުންޓުތަކުން ފައިސާ ނަގަމުންދާއިރު، އެކަން ރިޕޯޓު ކުރިޔަސް، އެ ފައިސާ އަނބުރާ ނުހޯދި، ގިނަ ބަޔަކަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތައް ވަމުންދާ ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.

މިފަދަ މައްސަލަތައް ކުރިމަތިވަނީ ޕާސަނަލް މައުލޫމާތު ބޭނުންކޮށްގެން ފޯނު ނުވަތަ އިންޓަނެޓް މެދުވެރިކޮށް ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެެވެ.

މި ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް 33 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ހަތަރު މެންބަރުން ވޯޓު ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވި އެވެ.

މިދިޔަ ބުދަ ދުވަހު ވެސް ބީއެމްއެލްއާއި ގުޅޭ މިފަދަ މައްސަލައެއް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްސަލަތައް ބެލުމަށް މަޖިލީހުގައި ހަދާފައިވާ އެސްއޯއީ ކޮމިޓީއަށް ހުށަހަޅާފަ އެވެ. އެ ކޮމިޓީއަސް މި މައްސަލަ ހުށަހެޅުއްވީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އެވެ. 

ބައެއް ކަސްޓަމަރުންގެ ކްރެޑިޓު ކާޑުތަކުން މުއާމަލާތްތައް ކޮށްފައިވަނީ ބޭރުގެ މާޗެންޓެއްގައި ހުރި ޑޭޓާ ވަގަށް ނަގައިގެން ކަމަށާއި އެފަދަ ހާލަތްތަކުގައި ގެއްލޭ ފައިސާ އަނބުރައި ހޯދައިދޭނެ ކަމުގެ ޔަގީންކަން ބީއެމްއެލް އިން ވަނީ ދީފަ އެވެ.

މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަތަކުގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ގިނަ އީމެއިލްތަކެއް ކޮމްޕޮމައިޒްވެފައި ހުރިކަން ފާހަގަ ކުރެވޭތީ އީމެއިލް ޕާސްވޯޑާއި އިންޓަނެޓް ބޭންކިން ޕާސްވޯޑް ބަދަލުކުރުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު