ޚަބަރު
ދުންފަތް ކޮންޓްރޯލްކުރުމަށް ޖެނެރޭޝަނަލް ބޭން ގެނައުމުގެ ބިލު ފާސްކުރައްވައިފި
ވަކި އަހަރެއްގެ ފަހުން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤެވެ. 

މީގެކުރިން ވެސް ދުންފަތް ކޮންޓްރޯލް ކުރަން ގާނޫނަށް ގެނައި އިސްލާހުތައް ވެސް ތަންފީޒު ނުކުރެވޭއިރު، މިފަދަ ވަރުގަދަ ބަދަލެއް ގާނޫނަށް ގެނެސް، އެ ތަންފީޒު ނުކުރެވި، ޖީލެއްގެ ގިނަ ބަޔަކު ގާނޫނު ހިލާފު ވާނެ ގޮތަކަށް މަގުފަހިވާ ކަމުގެ ކަންބޮޑުވުން އެ މެމްބަރުން ފާހަގަކުރެއްވި އެވެ.

އެ ބަހުސަށްފަހު، މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ބިލު ފާސްކުރުމާ ދެކޮޅަށް އެއް މެމްބަރު ވޯޓު ދެއްވި އިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވާ މެމްބަރަކު ވެސް އިންނެވި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މި ގެނައި އިސްލާހުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ އޮތަސް އެ ފަދަ އެއްޗެއް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން ކަށަވަރުކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެއް ކަމަށެވެ.

ދުންފަތުގެ ބާވަތެއް ގަންނަނީ އެ އުމުރަށް ފެތޭ މީހެއް ނޫން ކަމަށް ބެލެވޭ ނަމަ އެ މީހެއްގެ އައިޑީކާޑު ނުވަތު އެ މީހެއްގެ އުމުރު އަންގައިދޭ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމުން ނޫނީ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވެސް، އިސްލާހުގައި ވެ އެވެ.

ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމަށް ޖެނެރޭޝަނަލް ބޭނެއް ގެނައުމަށް ނިންމާފައިވާއިރު ބިލު ފާސްވުމަށްފަހު އަމަލުކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ލިބިގެންދާނެ އެވެ. އެގޮތުން ބިލު ފާސްވުމަށްފަހު އަންނަ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ވަނީ ނިންމާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު