ޚަބަރު
2007އިން ފެށިގެން އުފަންވި ޖީލަށް ދުންފަތް މަނާކުރަން ކެބިނެޓުން ނިންމައިފި
ޖީލަކަށް ސިނގިރޭޓު މަނާކުރުން ނުވަތަ ޖެނެރޭޝަނަލް ބޭންއެއް ގެންނަން، ގިނަ ބަޔަކު ތާއީދުކުރީ 2000ވަނަ އަހަރުން ފެށިގެން އުފަންވި މީހުންނަށް މަނާކުރަން ނަމަވެސް، 2007އިން ފެށިގެން އުފަންވި ޖީލަށް މަނާކުރަން ސަރުކާރުން މިއަދު ނިންމައިފިއެވެ.

ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅާނެ ގޮތަކާ މެދު ރައްޔިތުންގެ ހިޔާލަށް ރަައީސް މުއިއްޒު މިމަހު އާންމުންގެ ހިޔާލަށް ހުޅުވާލެއްވި އެވެ.

ރައީސް މުއިއްޒު ހުށަހަޅުއްވާ ގޮތްތައް:

  • 2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
  • 2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
  • 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
އާންމުންގެ ހިޔާލު ހޯދުމުގެ ޕޯލްގައި ގިނަ ބަޔަކު އެއްބަސްވީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާކުރަން ފެންނަ ކަމަށެވެ.

އެހެންނަމަވެސް، މިއަދު ކެބިނެޓުން ބޭއްވި ބައްދަލުވުމުގައި ނިންމައިފައިވަނީ، ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް 'ޖެނެރޭޝަނަލް ބޭން' ތަންފީޒު ކުރުމަށެވެ.

އެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްހާލުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް އެންގުމަށް ވެސް ކެބިނެޓުން ނިންމިއެވެ. އެގޮތުން މި ގާނޫނަށް އިސްލާހު ގެނެސް ތަސްދީގު ކުރާ ތާރީޚުން ފެށިގެން ގާނޫނަށް އަމަލުކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު، މި އަހަރުގެ ނޮވެންބަރުން ފެށިގެން ގާނޫނު ތަންފީޒުކުރަން ފެށުމަށް ކެބިނެޓުގެ ނިންމުމުގައިވެއެވެ.

މީގެ އިތުރުން މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ، ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، ފިނޭންސް މިނިސްޓްރީން ހެލްތު މިނިސްޓްރީއަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށް ވެސް ކަނޑައަޅައިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު