ޚަބަރު
އުރީދޫ ސްޓެމް ފެއާއިން ބެސްޓް ސްކޫލް އެވޯޑް އިސްކަންދަރަށް
ސްޓެމް ފެއާގެ އެއްވަނަ އިސްކަންދަރު ސްކޫލަށް -- ފޮޓޯ/ އުރީދޫ
ސްޓެމްގެ މާއްދާތަކަށް ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ސްޓެމް ފެއާގެ އެންމެ މޮޅު ސްކޫލުގެ މަގާމު އިސްކަންދަރު ސްކޫލުން ހޯދައިފި އެވެ.

ހަތް ސްކޫލަކުން ބައިވެރިވި އެ ފެއާގެ އެއް ވަނަ އިސްކަންދަރުން ހޯދައިފައިވަނީ ފެއާއަށް ކަނޑައެޅި ތިން އުމުރުފުރާއިން ވެސް ގިނަ ވަނަތަކެއް ހާސިލުކޮށްގެންނެވެ.

އެންމެ ހަގު އުމުރުފުރާއިންނާއި އެންމެ ދޮށީ އުމުރުފުރާއިން އެއް ވަނަ އެ ސްކޫލުން ހޯދިއިރު، އެންމެ ހަގު އުމުރުފުރާއިންނާއި މެދު އުމުރުފުރާ އަދި އެންމެ ދޮށީ އުމުރުފުރާއިން ވެސް ދެ ވަނަ ހޯދައިފައި ވަނީ އިސްކަންދަރު ސްކޫލުންނެވެ.

އޭގެ ތެރެއިން އެންމެ ހަގު އުމުރުފުރާގެ ދެ ވަނަ ތިން ޕްރޮޖެކްޓަކަށް ލިބުނެވެ. އެއީ ދެ އިސްކަންދަރު ސްކޫލުން ތައްޔާރު ކުރި ދެ ޕްރޮޖެކްޓާއި މަޖީދިއްޔާ ސްކޫލުން ތައްޔާރު ކުރި ޕްރޮޖެކްޓެކެވެ.

ސްޓެމް ފެއާގެ އެއްވަނައަށް އރީދޫ މޯލްޑިވްސްއިން ހުށަހަޅާފައި ވަނީ 50،000ރ. ގެ ފައިސާގެ އިނާމެވެ. އެ އިނާމު އިސްކަންދަރު ސްކޫލުގެ ކެޕްޓަނާ ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީ އެވެ.

އިސްކަންދަރު ސްކޫލުގެ އިތުރުން ދެން އެންމެ ގިނަ ވަނަ ހާސިލު ކޮށްފައި ވަނީ ގިޔާސުއްދީން ސްކޫލުންނެވެ. އެ ސްކޫލަށް ދެ އުމުރުފުރާއަކުން ޖުމްލަ ތިން ވަނައެއް ލިބުނެވެ.

އިއްޔެ ބޭއްވި ސްޓެމް ފެއާގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިންގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ޖޫނިއާ، ސީނިއާ އަދި ނޮވިސް ކެޓަގަރީން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވުނު ފަރާތްތަކަށް ރިބަން ދީފައިވެއެވެ.

އުރީދޫ ސްޓެމް ފެއާގައި ދައްކާލި ހުނަރު ތަކަށް ސާބަސް ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މި ހުނަރުވެރި ޒުވާން ވިސްނުންތަކުން ހުށަހަޅައިދީފައިވާ ޕްރޮޖެކްޓްތަކުން ދައްކުވައިދެނީ ސްޓެމްގެ ދާއިރާއިން މުސްތަގުބަލުގެ ލީޑަރުން ތިބިކަން ކަމަށެވެ.

"އަޅުގަނޑުމެންގެ ޒުވާނުންގެ މެދުގައި ސްޓެމް ތަޢުލީމު ކުރިއަރުވައި، މިދާއިރާތަކުން އެ ކުދިންގެ ހުނަރާއި ޝައުޤުވެރިކަން ކުރިއެރުވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަމުން ދާނެ ކަމުގެ ޔަގީންކަން އަރުވަން." މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވަނީ ފެއާ ވަރަށް ކާމިޔާބު ކަމަށާއި، މޮޅު އީޖާދުތަކެއް ފެނުނު ކަމަށް ވިދާޅުވެފަ އެވެ. އަދި ފެއާއިން ރާއްޖޭގެ ވެށިން ފެންނަ ތަކެތިން މައްސަލަތަކަށް ހައްލު ހޯދިދާނެ ގޮތްތައް ދަރިވަރުންގެ ފަރާތުން ފެނުނު ކަމަށާއި، ދަރިވަރުންގެ ހުރި މޮޅެތި ހިޔާލުތައް ފެނުނު ކަމަށް ވިދާޅުވި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ފެެއާއަކީ އެޑިއުކޭޝަން މިނިސްޓަރީ އާއި ވިމެން އިން ޓެކް ގުޅިގެން ކުރިއަށް ގެންދިޔަ ފެއާ އެކެވެ.
ސްޓެމް ފެއާއަކީ މީގެ ދަހަރުތަކެއް ކުރިން ބާއްވަމުން އައި ސައިންސް ފެއާއަށްފަހު ބޭއްވި މިފަދަ ފުރަތަމަ ފެއާ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު