ޚަބަރު
ސަފާރީ ރޭޕް ކޭސް: މެމްބަރު ޖީހާންގެ ފިރިކަލުންގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާއަށް ނިސްބަތްވާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ ފިރިކަލުން އަބްދުﷲ ޝާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.

މި މައްސަލަ ބޭރުކޮށްލާފައިވާކަން ޕްރެސިކުއަޓާ ޖެނެރަލް އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު ވަނީ ކަށަވަރުކޮށްދީފަ އެވެ. އެގޮތުން ޝަފީއު ވިދާޅުވީ، މިދިޔަ މަހު 26 ގައި ހުޅުމާލޭ ކޯޓުން އެ މައްސަލަ ބެއްލެވި ގާޒީ ސިޔާމާ މުހައްމަދު، މައްސަލަ ބޭރުކޮށްލީ މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދަން އެކަށީގެންވާ ހެކި ނެތް ކަމަށް ނިންމެވުމަށްފަހު ކަމަށެވެ.

"ދެން އޮންނާނީ (ކުރިއަށް ދެވޭނެ) ދެ ގޮތެއް، އެއީ އިސްތިއުނާފުކުރުން ނުވަތަ އިތުރު ހެއްކާއެކު މައްސަލަ އަލުން ހުށަހެޅުން، އަދި ވަކި ގޮތެއް ނިންމާފައެއް ނުވޭ،" ޝަފީއު ވިދާޅުވި އެވެ.

ހުޅުމާލެ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އުމުރުން 27 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ފަތިހުއެވެ.

މި މައްސަލައާ ގުޅިގެން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް އޭރު ގެންދިޔަ ނަމަވެސް އެ ދެ މީހުން ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުން ކޯޓަށް ހާޒިރުނުކޮށް ވަނީ ދޫކޮށްލައިފައެވެ.

އެމީހުން ދޫކުރިނަމަވެސް، ތިން މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހުން ހުށަހަޅާފައިވާއިރު، ޕީޖީ އޮފީހުން އެ މައްސަލާގައި ދައުވާކުރީ ލ. ގަން، ތުނޑި، ނޫރަންގެ އަބްދުﷲ ޝާންގެ މައްޗަށް އެކަންޏެވެ. އެއީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މުހައްމަދުގެ ފިރިކަލުންނެވެ.

އޭނާގެ މައްޗަށް ވަނީ ޖިންސީ ގޯނާއެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާގެ އިތުރުން، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

އެ މައްސަލައިގައި ކުށުގެ ޝިކާރައަކަށްވި އަންހެން މީހާ ވަނީ އޭގެ ފަހުން ރާއްޖޭން ފުރައިގެން ގޮސްފަ އެވެ.

މި މައްސަލައިގައި ދެ މީހަކު ދޫކޮށްލުމުން އާންމުންގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އޭރު ވިދާޅުވެފައި ވަނީ، އެންމެ ފުރަތަމަ އެ ހާދިސާގެ ވާހަކަ އަޑުއިވިވަޑައިގަތުމުން އޭނާ ވެސް ހީކުރެއްވީ އެއީ ވަރަށް ބޮޑު ރޭޕް ކޭސްއެއް ކަމަށް ކަމަށާއި އެކަމަކު އެ މައްސަލަ ރަނގަޅަށް ބަލައި ކައިރިން ދެނެގަތުމުން ސަފާރީގައި ހިނގާފައިވަނީ "އާއްމު ތަނެއްގައި ހުރެފައި ވެސް ކޮށްލެވޭ ވަރު"ގެ ކަމެއްކަން ސާފުވެވަޑައިގަތް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު