ޚަބަރު
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓްލުން ފަށައިފި
ގުރައިދޫގައި ވޯޓުލުމަށް ކިޔޫގައި - ފޮޓޯ: އަހުމަދު ރަޝީދު (ދޮންކޮޅު)
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން ދެންމެއަކު ފަށައިފި އެވެ.

ކ. ގުރައިދޫގެ އިތުރުން އެ އަތޮޅު ގުޅި އާއި މާފުށި ހިމެނޭ އެ ދާއިރާގެ ތިން ރަށުގެ އިތުރުން މާލޭގައި ވެސް މިއަދު ވޯޓުލުން ކުރިއަށްދާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އާއި ހަމައަށް ކުރިއަށްގެންދިއުމަށެވެ. އަދި ހަވީރު 4:00 ޖަހާއިރު ވޯޓު ފޮށި ކައިރީގައި ވޯޓުލުމަށް މީހަކު ނެތްނަމަ ފޮށި ބަންދުކޮށް 30 މިނެޓުފަހުން ވޯޓު ގުނަން ފެށުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މިފަހަރުގެ ބައި-އިލެކްޝަން ރޯދަމަހު ކުރިއަށް ދިޔަނަމަވެސް، އިންތިހާބުގެ ކަންކަމަށްވެސް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. 

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ޖުމްލަ 6 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ ގުރައިދޫގައި 2 ފޮށި، މާފުށީގައި 2 ފޮށި، ގުޅީގައި 1 ފޮށި އަދި ގުރައިދޫ ދާއިރާގެ މީހުން ވޯޓުލުމަށް މާލޭ ޢިއްޒުއްދީން ސްކޫލްގައި 1 ފޮއްޓެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 3423 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނެއް ބާއްވަންޖެހުނީ އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި އިބްރާހިމް ރިޒާ، 55، ނިޔާވުމުންނެވެ. އޭނާ ނިޔާވީ ކެންސަރަށް ފަރުވާ ކުރަމުންދާތާ ގިނަ ދުވަސްތަކަކަށްފަހެވެ.

މި ގޮނޑި ވޭތުވެދިޔަ 14 އަހަރު ކޮންޓްރޯލްކުރީ އިދިކޮޅު ޕީޕީއެމުންނެވެ. އެ ޕާޓީން ބުނަނީ ގޮނޑި ދިފާއުކުރެވޭނެ ކަަމަށެވެ. އެމްޑީޕީ އާއި އެމްއެންޕީން ވެސް ތިބީ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަމުގަ އެވެ.

މި ދާއިރާއަށް މެމްބަރަކު ހޮވަން 2019 ގައި ބޭއްވި އިންތިހާބުގައި ރިޒާ ގޮނޑި ކާމިޔާބުކުރެއްވީ 47 ޕަސެންޓުންނެވެ. އެމްޑީޕީއަށް ލިބުނީ 41 ޕަސެންޓެވެ. އެފަހަރު ވޯޓުލުމުގެ ހައްގު 3،139 މީހުންނަށް ލިބުނެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި 3 ޕާޓީއަކުން 3 ކެނޑިޑޭޓެއް ވާދަކުރެއެވެ. އެއީ ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޒާއާއި، އެމްޑީޕީގެ ކެނޑިޑޭޓް އިބްރާޙިމް ޝާޒްގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކެނޑިޑޭޓް ޢަލީ ޢާރިފެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު