އަލީ ރާޒީ
21 ޑިސެމްބަރ 2025 - 00:00
0 comments
ރާއްޖޭގެ މިވަގުތު އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ނުވަތަ ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރިއަރާފައިވާ ކ. މާފުށީގެ ޓޫރިޒަމް ބްރޭންޑް "ހާޓް އޮފް މޯލްޑިވްސް" އިފްތިތާހުކޮށްފި އެވެ.
ރޭ އެ ރަށުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި މާފުށީގެ ޓޫރިޒަމް ބްރޭންޑް އިފްތިތާހުކޮށްދެއްވީ، ރާއްޖޭގައި ގެސްޓްހައުސް ޓޫރިޒަމް ފެށުމުގެ ހުއްދަ ދެއްވި، އަދި އެ ސިޔާސަތާއި އެއްކޮޅަށް އެތައް މަސައްކަތެއް ކޮށްދެއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.ނަޝީދުގެ އިތުރުން ރޭގެ ހަފުލާގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި މާފުށީ ކައުންސިލްގެ މެންބަރުން އަދި އެ ރަށުގައި ގެސްޓްހައުސް ވިޔަފާރިކުރަމުންދާ ވިޔަފާރިވެރިންނާއި އެ ތަންތަނުގެ މުވައްޒަފުން އަދި އެ ރަށުގެ ރައްޔިތުން ބައިވެރިވި އެވެ.ގެސްޓްހައުސް އަދި އެކްސްކާޝަން ތަކާއެކު، މާފުށިން ލިބެމުންދާ ފަތުރުވެރިކަމުގެ ހިދުމަތްތައް ބްރޭންޑުކުރުމަކީ މިހާރު މާފުށި ކައުންސިލްގައި ތިބި މެންބަރުންގެ ކެމްޕޭން ވައުދެކެވެ. ރޭގެ ޖަލްސާގައި އެ ރަށު ކައުންސިލްގެ ރައީސް ހަސަން ސޮލާހު އެކަން ފާހަގަކުރެއްވި އެވެ."އަޅުގަނޑު ކެމްޕޭންގައި ބުނިން މާފުށި ވަކި ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓް ކުރަން ކައުންސިލްގެ ބަޖެޓުން ހަރަދު ކުރާނެ ކަމަށް. އެހެންވެ ފުރަތަމަ މިއީ ވައުދެއް،" ސޮލާހު ވިދާޅުވި އެވެ.މި ހާއްސަ ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ މާފުށީގެ ބްރޭންޑަކަށް ހަގީގަތުގައި ވާން ޖެހޭނީ އެ ރަށުގެ ވަށައިގެންވާ ގުދުރަތީ ނިޒާމުގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފާ ރަށަކަށް ވުން ކަމަށެވެ."މާފުށީގެ ބްރޭންޑަކީ، މި ރަށަކީ ގުދުރަތީ ވަސީލަތްތަކަށް އެހީތެރިވެދޭ ރަށަކަށް ވުން. ފިތުރަތުގެ އުސޫލާ ހިލާފުވާ ބިނާތަކާއި އިމާރާތްތަކާއި އާދަތަކާއި އުސޫލުތައް އަޅުގަނޑުމެންގެ ތެރޭގައި ނުހިންގުން،" ނަޝީދު ވިދާޅުވި އެވެ.