ޚަބަރު
ސައްހަ ނޫން ޓީޓީ ފޮނުވި މައްސަލާގައި ދައުވާ ކޮށްފި
ރާއްޖެ އެތެރެކުރި މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހަދައިފައިވާ މައްސަލައެއްގައި މީހެެއްގެ މައްޗަށް ދަޢުވާކުރައްވަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅުއްވައިފިއެވެ. މި މައްސަލާގައި ދަޢުވާކުރައްވައިފައިވަނީ މއ.ހަނީސަކްލް-1 ޙުސައިން ޝިފާޢުގެ މައްޗަށެވެ.

ޙުސައިން ޝިފާޢުގެ މައްޗަށް ދަޢުވާކުރައްވަނީ އިތުރު މީހަކާ ބައިވެރިވެގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕަމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމުގައިވާ "ކިންގްޑަމް އޮފް ފުރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް، އެ މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހަދައިފައިވާ މައްސަލައިގައެވެ.

އޭނާގެ މައްޗަށް އުފުއްލަވައިފައިވަނީ އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދަޢުވާ އާއި، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދަޢުވާ އާއި، މަނީ ލޯންޑްރިންގގެ ކުށުގެ 7 ދަޢުވާއާއެކު، ޖުމްލަ 23 ދަޢުވާއެވެ. 

މި ދައުވާތައް ސާބިތުވެއްޖެ ނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އޭނަގެ މައްޗަށް އަންނާނެއެވެ 

ޙުސައިން ޝިފާޢު މި ކުށުގެ ޢަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން އޭނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ޞައްޙަނޫން ލިޔުން އުފައްދައި ހުށަހަޅައިގެން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ.

އެގޮތުން މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 (އެއްލައްކަ ތޭވީސްހާސް އަށްސަތޭކަ އަށްޑިހަ ހަތަރެއް ޕޮއިންޓް ފަހެއް ހަތަރެއް) އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ 1،909،682 (އެއް މިލިއަން ނުވަލައްކަ ނުވަހާސް ހަސަތޭކަ އައްޑިހަ ދޭއް) ރުފިޔާއެވެ.

މި ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި ހުށަހަޅުއްވާފައިވާ ކަމަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން މީގެ ކުރިން ކޯޓުގައި ބުނީ، ވަގު ޓީޓީން މުދާ އެތެެރެކުރުމުގެ އިތުރުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެ ބަވާތުގެ އިތުރު މައްސަލަތަކެއް ވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. 


 

ކިޔުންތެރިންގެ ޝުއޫރު
67%
0%
33%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު