ވިޔަފާރި
ދެން ފޮނުވާ ކަރަންޓު ބިލެއްގައި ކުނީގެ ފީ ހިމެނޭނެ
މާލެ ސަރަހައްދުގައި ވެމްކޯއިން ދޭ ކުނީގެ ހިދުމަތާއި ސްޓެލްކޯއިން ދޭ ކަރަންޓުގެ ހިދުމަތަށް ކުރާ ބިލް އެއްކޮށްލުމުގެ އެއްބަސްވުމުގައި އެ ދެ ކުންފުނިން މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމާއެކު, ކަރަންޓު މީޓަރު ހަރުކޮށްފައި ހުރި ކޮންމެ ގޭބިސީއަކަށް އަންނަ މަހުން ފެށިގެން ސްޓެލްކޯއިން ފޮނުވާ ބިލުގައި ކުނި ބިލް ހިމަނާނެ އެވެ. އެކަމަށް ގޭބިސީ ރަޖިސްޓްރީ ކުރަން ނުޖެހޭނެ އެވެ.

ދެ ބިލު އެއްކޮށްލުމުގެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު އެވެ. ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަރީފު އެވެ.

ކަރަންޓާއި ކުނީގެ ބިލު އެއްކޮށްލުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެ ނިންމުމަކީ ގިނަ ބައެއްގެ މަޝްވަރާއަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ. ސްޓެލްކޯގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ މީޓަރުތަކެއް މިހާރު ވަނީ ވެމްކޯގެ ބިލް އެއްކޮށްލެވޭ ގޮތަށް ހަދާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފަދަ ހިދުމަތެއްގެ ކުރީކޮޅު މައްސަލަތައް ދިމާވެދާނެ މައްސަލައެއް ހައްލުކުރަން ނުވަތަ ޝަކުވާއެއް އޮތްނަމަ އެކަން އެ ދެ ކުންފުންޏާ މުއާމަލާތްކުރަން އެދޭ ކަމަށްވެސް ވެމްކޯ އަދި ސްޓެލްކޯއިން އެދެ އެވެ.

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، އެޕާޓްމަންޓްތަކަށް އަރައި ކުނި ނަގާ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދުވާލަކަށް 4.93ރ. އެވެ. އެހެންވެ ކަރަންޓު ބިލުގައި އެ ފައިސާ ހިމަނާނެ އެވެ. ވެމްކޯއިން ބުނެފައި ވަނީ މާލޭގައި 53,690 ގޭބީސީ ހުންނައިރު ފީ ދައްކަނީ އެންމެ 21،000 ގޭބީސީންނެވެ. އެހެންކަމުން ކުނި އުކުމުގެ ފީ 62 ޕަސެންޓް ގޭބީސީން ނުދައްކަ އެވެ. މިއީ އެ މައްސަލައަށް ހައްލު ލިބޭނެ ކަމެއް ކަމަށް ވެމްކޯއިން ވަނީ ބުނެފައި އެވެ.

ކުނި ބިލު ނުދައްކާތީ ކުންފުނީގެ ކޭޝްފްލޯ ދަތިވެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ ބައެއް އާލާތްތައް އެކަށީގެންވާ ގޮތެއްގައި މަރާމާތު ނުކުރެވި ބޭނުން ނުކުރެވޭ ހާލަތަށް އަންނަކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީންވެސްވަނީ ވިދާޅުވެފައެވެ. 

މީގެކުރިން ވެމްކޯއިން ވަނީ އެޕްރީލް މަހު ދެ ބިލް އެއްކޮށްލެވޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެކި ސަބަބުތަކާހެދި އެއްބަސްވުން ލަސްވުމާއެކު ކަރަންޓާއި ކުނީގެ ބިލް އެއްކޮށްލާނީ ޖޫން މަހު ފޮނުވާ ބިލުގަ އެވެ.


 

ކިޔުންތެރިންގެ ޝުއޫރު
75%
0%
25%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު