
ޖުލައި 13، ގައި ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ ތިން މަސްދުވަހުގެ ތެރޭގައި އެސްއޯއީތަކުން 33 ޕަސެންޓު މުވައްޒަފުން ވަކިކުރަން އަންގާފަ އެވެ. މަޖިލީހުަގައި މިއަދު ބަހުސް ކުރަމުން ދަނީ މުވައްޒަފުން ވަކިކުރުމުގެ ނަމުގައި ސިޔާސީ ގޮތުން މުވައްޒަފުން ވަކިކުރުމާ ދެކޮޅަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހަޅުއްވާފައިވާ ގަރާރަކަށެވެ. ޒިޔާދު ވިދާޅުވީ ވަޒީފާތަކަށް ނެގި މީހުން ގިނަވުމުގެ ސަބަބުން މީހުން ވަކިކުރަން މަޖުބޫރުވެފައިވާ ކަމަށެވެ. އެމްޑީޕީގެ ކުރީ ސަރުކާރުން ކުންފުނިތަކަށް ގިނައިން މުވައްޒަފުން ނެގި ކަމަށް ޒިޔާދު ގަބޫލުކުރައްވައެވެ."އެހެންނަމަވެސް އަޅުގަނޑުގެ ދާއިރާގައި މި ސަރުކާރުން ނެގި ވަޒީފާ ގިނަ އިއްޒަތްތެރި ރައީސް، މިހެން ރާއްޖޭގެ ހުރިހާ ދާއިރާއެއް ވެސް އޮތީ، އަދި އަމުދުން ފެނަކަ އެންމެ ބަނގުރޫޓުވެފަ އޮތް ކުންފުނި، އެ ކުންފުންޏަށް ނެގި މީހުން މާ ގިނަ އިއްޒަތްތެރި ރައީސް،" އޭނާ ވިދާޅުވިއެވެ.ޒިޔާދު ވިދާޅުވީ، ކުންފުނިތަކުގައި އެކަށީގެންނުވާ ވަރަށް މުވައްޒަފުން އެބަ ތިބި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ."އެހެންނަމަވެސް އިންތިޚާބަކުން ބަލިވެ އޭގެ އަދަބެއްގެ ގޮތުގައި މިކަން އަދި ކޮންމެ ކަމެއްގައި ވެސް މި ޒާތުގެ ކޮންމެ ކަމެއްގައި ސަރުކާރުން ކޮންމެވެސް ރީތި ނަމެއް މި ކިޔަނީ، މިއަދު މުވައްޒަފުންތަކެއް ގަނޑުކޮށް ވަކިކުރަން ވީމާ މި ކިޔަނީ ރައިޓް ސައިޒްކުރަނީ އޭ،" ޒިޔާދު ވިދާޅުވިއެވެ.މި އަހަރު ބޭއްވި ކައުންސިލް އިންތިހާބާއި ރެފަރެންޑަމާ ދިމާކޮށް އެތައް ސަތޭކަ ބަޔަކަށް މި ސަރުކާރުން ވަޒީފާ ބެހި އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ލިބުނީ ހަމައެކަނި ލިޔުމެކެވެ. އެ ދެ އިންތިހާބުން ވެސް ސަރުކާރު ވީ ބައްޔެވެ. އެޕްރީލް މަހު ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ކުންފުނިތަކުގައި 42،000 އަށް ވުރެ ގިނަ މުވައްޒަފުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން 33 ޕަސެންޓު މުވައްޒަފުން ވަކިކުރުމުން 13،800 އަށްވުރެ ގިނަ މުވައްޒަފުން މަގުމަތިވާނެ އެވެ.