އެއާޕޯޓް ލަސްވާ ކޮންމެ ދުވަހަކީ އަލިފުށީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް!
އައިމިނަތު ޝިޔާޒާ
27 ޖުލައި 2026 - 23:40
0 comments
ރ. އަލިފުށީގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް މިހާރު އޮތީ ހުއްޓިފަ
ރައީސް ސޯލިހުގެ ވެރިކަމުގައި ފެށި ރ. އަލިފުށީގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ލައްވާ ކޮންމެ ދުވަހަކީ އަލިފުށީ ރައްޔިތުންނަށް ދެވޭ "އަނިޔާއެެއް" ކަމަށް އެ ރަށުން ބުނެފި އެވެ.
އެރަށު ރައްޔިތަކު "ހޯރަ" އަށް މިއަދު ބުނީ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ލަސްވުމަކީ ރައްޔިތުންނަށް ދެވޭ ދެރަ އަދި ޒަހަމް ބޮޑު އަނިޔާއެއް ކަމަށާއި ވިއްސާރަ މޫސުމުގައި ރައްޔިތުން ރަށް ދަތުރު ކުރުމުގައި ގިނަ ދަތިތައް އެބަ ހުރި ކަމަށެވެ. މިހާރު ވެސް ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި މާލެއިން އަލިފުޓަށް ދަތުރުކުރުމަކީ ރައްޔިތުންނަށް އޮތް ބޮޑު "ވޭނެއް" ކަމަށެވެ.ނިމުނު ރިޔާސީ އިނތިހާބަށް 2023 ވަނަ އަހަރުގެ އޮގަސްޓް 29 ވަނަ ދުވަހު އަލިފުޓަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އޭނާގެ ވެރިކަމެއްގައި ރ. އަލިފުށީގެ އެއާޕޯޓު މަޝްރޫއު ހުއްޓާނެ ކަމަށް ބުނެ ވާހަކަ ފަތުރަނީ ވަރަށް ފިނޑިބައެއް ކަމަށާއި މާ ބާރު ސްޕީޑުގައި އެއާޕޯޓް ނިންމަވައިދެއްވާނެ ކަމަށެވެ. އޭގެ ފަހުން މިފަހުން ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އަލިފުއްޓަކީ ސަރަޙައްދީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ރަށަކަށްވާތީ އެ ރަށުގެ އެއާޕޯޓްގެ އިތުރުން ހޮސްޕިޓަލްގެ މަޝްރޫޢު ހިމެނޭހެން ވެވަޑައިގެންފައިވާ ހުރިހާ ވައުދުތަކަކީވެސް ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާނެ މަޝްރޫއުތަކެއް މަށެވެ. އަތޮޅުގެ އެހެން ރަށްތަކާއި އެކަހެރިގޮތަކަށް އޮންނަ ރ. އަލިފުށީގައި އެއާޕޯޓެއް ތަރައްގީކުރުމަކީ އެރަށު ރައްޔިތުންގެ ޒަމާންވީ ހުވަފެނެކެވެ. މިހުވަފެން ހަގީގަތަކަށް ހެދުމަށް އެރަށުން 50.5 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. މީގެތެރެއިން %80 ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއާޕޯޓު ހެދުމަށެވެ. އަނެއް %10 ބިން ބޭނުންކުރާނީ 3000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އަލިފުށްޓަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ އިތުރުން އެރަށުގެ އިގްތިސާދީ މަސައްކަތްތަކަށް ދޫކުރުމަށެވެ.
ކިޔުންތެރިންގެ ޝުއޫރު