އާ މަނަވަރު ކޮމިޝަންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާކުރި ނޭވީ މަނަވަރު ރަސްމީކޮށް މިރޭ ހިދުމަތަށް ނެރެފި އެވެ.
ރާއްޖޭގެ އަސްކަރިއްޔާއާ އަލަށް އިތުރުވި އުޅަނދު މިރޭ ކޮމިޝަން ކޮށްދެއްވީ ރައީސް އަދި ސިފައިންގެ އެންމެމަތީވެރިޔަ ޑރ. މުހައްމަދު މުއިއްޒެވެ.
"އިމާދުއްދީން"ގެ ނަން ދީފައިވާ މި މަނަވަރަކީ މުޅިން އަލަށް ބަނދެފައިވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ މަނަވަރެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.
ދިވެހި ސިފައިން ވަނީ މި މަނަވަރު ބޭނުން ކުރާނެ ގޮތުގެ ތިން މަސް ދުވަހުގެ ތަމްރީނެއް ފުރިހަމަކޮށްފަ އެވެ. އޮސްޓްރޭލިއާ އިން ރާއްޖެ އަށް މަނަވަރު ކުރި 14 ދުވަހުގެ ދަތުރު އޮޕަރޭޓް ކޮށްފައިވަނީ ވެސް ދިވެހި ސިފައިންނެެވެ. މިއީ ދިވެހި ސިފައިން ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރު ވެސް މެ އެވެ.
އޮސްޓްރޭލިއާގެ ހިލޭ އެހީގެ ދަށުން މި މަނަވަރު ހަދިޔާކުރަން ނިންމާފައިވާ ކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.ފާހަގަކުރެވޭ ގޮތުގައި މިދިޔަ އަހަރުގެ ތެރޭ ތުރުކީވިލާތުން ވެސް ވަނީ ރާއްޖެއަށް އަސްކަރީ މަނަވަރެއް ހަދިޔާކޮށްފައެވެ. އޭގެ އިތުރުން ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޑްރޯންތަކެއް ވެސް ތުރުކީވިލާތުން ގަނެ, ރާއްޖެ ގެނެސްފައިވެއެވެ. ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސްގެ ވައުދުފުޅެކެވެ.