އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އިރީނާ) އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބަކަށް ކުރީގެ އެންވަޔަރްމެންޓް މިނިސްޓަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވަ ރާއްޖޭގެ ސަފީރު ތޯރިގު އިބްރާހީމް ހަމަޖައްސަވަން، ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައިފި އެވެ.

މިހާރު ޔޫއޭއީގެ ސަފީރުކަމުގެ މަގާމުގައި ހުންނެވި ތޯރިގް އެ މަގާމަށް އައްޔަން ކުރުމަށް ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީ މިއަދުގެ މަޖިލިސަް ޖަލްސާގައި ވަނީ އިއްވާފަ އެވެ.މަޖިލިސް ޖަލްސާގައި އެ ސިޓީ މިއަދު އިއްވުމާ އެކު ރިޔާސަތުން ވަނީ އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.ތިމާވެށީގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ތޯރިގް ވަނީ ދެ ސަރުކާރެއްގައި އެންވަޔަރަމަންޓް މިނިސްޓަރުކަން ކުރައްވާފަ އެވެ. އެގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އަދި މި ސަރުކާރުގެ ފުރަތަމަ އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ.