
މިކަމާއި ގުޅޭ ގޮތުން މިއަދު އީޕީއޭއިން ނެރެފައިވާ ސާކިރުލާއެއްގައި ބުނެފައިވަނީ އިރުވައި މޫސުމަކީ އެހެނިހެން އަހަރުތަކެކޭ އެއް ފަދައިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަ ކުރަމުން އަންނަ ދުވަސްވަރެއް ކަމަށެވެ. އަދި މި ގޮތުން ހިޖުރަކުރާ ދޫންޏަކީ ދިވެހިރާއްޖޭގެ ޤާނޫނު ނަމްބަރު 4/93 (ތިމާވެށި ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ޢަވާއިދު) ގެ ދަށުން ހިމާޔަތް ކޮށްފައިވާ ދިރުންތަކެއް ކަމަށެވެ.މިފަދަ ދޫނި ހިފާ އެތަކެތި ގެންގުޅުމަކީ މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން މަނާ ކުރެވިފައިވާ ކަމެއް ކަމަށް އީފީއޭއިން ބުނެއެވެ. އީޕީއޭއިން ބުނެފައި ވަނީ އެ ދޫނިތައް ވިއްކާ ފަރާތްތަކުގެ އިތުރުން ގަންނަ ފަރާތްތަކަށް ވެސް ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.މި ގަވާއިދުގެ ދަށުން، މިފަދައިން ރާއްޖެއަށް ހިޖުރާ ކުރާ މޫސުމީ ދޫނި ޤަވާޢިދާއި ހިލާފަށް ހިފާ ގެންގުޅޭ ފަރާތްތައް އީ.ޕީ.އޭއަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިފަދަ ދިރޭތަކެއްޗަކަށް ގޯނާ ކޮށްފިނަމަ، 30،000 ރުފިޔާއާއި 50،000 ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ.އަދި ގަވާއިދާ ހިލާފަށް ދޫނިތައް ގެންގުޅޭކަން އިނގޭނަމަ ލަސްނުކޮށް އެޗްޕީއޭގެ ހޮޓްލައިން 7980379 ނުވަތަ އީމެއިލް: secretariat@epa.gov.mv އަށް އެ މައުލޫމާތު ހިއްސާ ކުރުމަށް އީޕީއޭއިން އެދެއެވެ.