އަލީ ރާޒީ
14 ނޮވެމްބަރ 2023 - 17:38
0 comments
އެފްކޮންސްގެ ޕްލެޓްފޯމުން ވިލިމާލެ ފަރުގައި ބޮޑެތި ބާގަނޑުތަކެއް ހެދިފައި.
ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތަށް އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި، ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި ކުރި ޖޫރިމަނާއަށް ލުޔެއް ނުދިނުމަށް އެންވަރަމަންޓު މިނިސްޓަރީން ނިންމައިފި އެވެ.
އެ މައްސަލަ ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި އޮންނަތާ އަހަރެއްހާ ދުވަސްވީ ފަހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންކުރި އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުންތަކާ ގުޅޭ ގޮތުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހެދި ސާވޭ އަށް ފަހު، އެ ކުންފުނި 69 މިލިއަން ކޮށްފައިވާ ޖޫރިމަނާ އަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އެންވަޔަރްމެންޓްގެ ބަޔާނުގައި ބުނީ އެފްކޮންސް އަށް ލުއި ނުދޭން ނިންމީ ގާނޫނީ ގޮތުންނާއި ޓެކްނިކަލް ގޮތުން ވެސް ދިރާސާ ކުރުމަށްފަހު ކަމަށެވެ.މީގެ އިތުރުން އެ ފައިސާއަކީ ފަރަށް ލިބުނު ގެއްލުން އިއާދަކުރުމަށް މަސައްކަތްކުރުމަށް ޓަކައި އީޕީއޭއަށް ލިބުން މުހިންމު އެއްޗެއްކަމަށް ވެސް ބުނެފައިވެއެވެ.މިނިސްޓްރީން ބުނީ އެ ޖޫރިމަނާ އަދަދުގެ ތެރެއިން 15 މިލިއަން ރުފިޔާ ޖަމާކުރާނީ އީޕީއޭގެ 'އެންވަޔަރަމަންޓް ރެސްޓޮރޭޝަން ފަންޑް'އަށް ކަމަށެވެ.ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 14އިން 22އަށް އެފްކޮންސްއިން އަމިއްލަ ސާވޭއެއް ވެސް ވަނީ ކޮށްފައެވެ. އެ ސާވޭގައި އީޕީއޭގެ އޮބްޒާވަރުން ބައިވެރިވެފައިވެއެވެ.އީޕީއޭގެ އެސެސްމެންޓް ރިޕޯޓުންނާއި، އެފްކޮންސްގެ ރިޕޯޓަށް ބެލުމަށް ފަހު ޕްލެޓްފޯމްގެ ބައިތަކުންނާއި އެ ތަކެތި ނެގުމަށް ކުރި މަސައްކަތުން އެ ސަރަހައްދުގެ ފަރުގެ އެކި ދިމާދިމާލުން 2،755 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާކަމަށް އީޕީއޭއިން ވަނީ ކަނޑައަޅައިފައެވެ.އެއާއެކު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެފްކޯންސްއިން 69 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދައްކަން އީޕީއޭއިން އެންގިއެވެ.