އަލީ ރާޒީ
19 ސެޕްޓެމްބަރ 2023 - 13:17
0 comments
މިދިޔަ މެއި މަހު ހއ. ދިއްދޫ ފަރަށް އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ ބާޖަކާއި ޓަގެއް އުރި އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެ އުޅަނދުތަކުގެ ވެރިފަރާތް ކަމަށްވާ އެޗުއާރުއެސް އިންފްރާޓެކް ކުންފުނި 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ދިއްދު އަށް ބޮޑުހިލަ ހިފައިގެން ދިޔަ އެމްއެމް އެކްސްޕޯޓުގެ ޓަގު ބޯޓް، "މުތާ ޕްރިންސަސް" އާއި ބާޖު ދިއްދޫ ފަރަށް އެރީ މޭ މަހުގެ އެއް ވަނަ ދުވަހު އެވެ. ބޮޑުހިލަ ބަރުކޮށްފައިވާ ބާޖު ފަސޭހަކަމާ އެކު ފުން ކުރެވުނަސް، ޓަގު ބޯޓު ފުން ކުރީ ފަރަށް އެރިތާ ހަތަރު ދުވަސް ފަހު މާލެއިން އިތުރު ޓަގެއް ގޮސްގެންނެވެ.ދިއްދު އަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޓީމެއް ގޮސް އެ ފަރަށް ލިބުނު ގެއްލުންތައް ބެލި އެވެ.އީޕީއޭއިން ބުނީ މި އުޅަނދުތައް ފުން ކުރެވުމާ އެކު އެ ސަރަައްދަށް ލިބުނު ގެއްލުން ދިރާސާކުރަން މޭ 12ވަނަ ދުވަހު އެ އެޖެންސީން ދިޔަކަމަށެވެ. އަދި, އެ އުޅަނދުތަކުގެ ވެރިފަރާތުގެ ސާވެޔަރަކާ އެކު ސާވޭކޮށްފައިވާ ކަމަށެވެ."މިގޮތުން، ބެލިބެލުމުން އެ ފަރުގެ 4,038 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައި،" އީޕީއޭއިން ބުންޏެވެ.އީޕީއޭއިން ބުނީ، ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ ޢަދަދަކީ 101,743,400.00 (އެއްސަތޭކަ އެއްމިލިއަން ހަތްލައްކަ ސާޅީސް ތިންހާސް ހަތަރުސަތޭކަ) ރުފިޔާކަމަށެވެ.ނަމަވެސް، ގާނޫނުގައި ބަޔާންކުރާ ގޮތުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު ޢަދަދަކީ 100 މިލިއަން ރުފިޔާ ކަމުގައި ވާތީ އެ އަދަދަށް ޖޫރިމަނާކުރަން ނިންމީ ކަމުގައި އީޕީއޭއިން ބުނެފައި ވެއެވެ.މި ޖޫރިމަނާ 30 ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް އެ ކުންފުންޏަށް ވަނީ އަންގާފައެވެ.