ޚަބަރު
މަރާމާތުގެ ކުރިން އަމީނީމަގުގެ ސާވޭ ހަދައިފި
އަމީނީ މަގުގެ މަރާމާތުގެ މަސައްކަތުގެ ކުރިން ސާވޭ ކުރިއަށް ގެންދަނީ. - ފޮޓޯ: އެމްޓީސީސީ
މާލޭގެ އަމީނީމަގު މަރާމާތު ކުރުމުގެ ކުރިން ކުރަން ޖެހޭ ސާވޭތައް އެމްޓީސީސީން ކުރިއަށް ގެންގޮސްފި އެވެ.

ތާރު އަޅައިގެން ހަދާފައިވާ އަމީނީމަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި އެ މަގުގައި ބޮޑެތި އަޑިގުޑަންތައް ވަނީ ހެދިފަ އެވެ. އެހެންވެ، އެ މަގު މަރާމާތުކުރުމުގެ މަސައްކަތް އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން މިދިޔަ މަހުގެ 15 ގައި އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. 

އެ ކުންފުނިން ބުނީ މަރާމާތުގެ ކުރިން ކުރަންޖެހޭ ސާވޭގެ ތެރެއިން އިއްޔެ ވަނީ ތާރުގަނޑު ކަފައިގެން ހަދަންޖެހޭ ސާވޭގެ މަސައްކަތް ކޮށްފައި ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން އަމީނީމަގާއި އިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގު މަރާމާތުކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެ މަގުތަކަކީ އާންމުންނަށް ރައްކާތެރި ލުއިފަސޭހަ ތަނަކަށް އެ މަސައްކަތުގެ ސަބަބުން ވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ނިމިދިޔަ ސަރުކާރުން 2023 ވަނަ އަހަރުގައެވެ. އެއީ 84.4 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މަސައްކަތުގެ އެންމެ ފަހު ބައި ނިންމައި، އާންމުންނަށް މަގު އެއްކޮށް ހުޅުވީ 2024 ވަނަ އަހަރުގެ ކުރީކޮޅެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު