
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަލީ ވަހީދުގެ ދައުވާތައް އަނބުރާ ގެނައީ ކުށް ސާބިތުކުރެވޭނެ ގޮތެއް ނެތިގެން ކަމަށެވެ.އަލީ ވަހީދުގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނެ ކުރިން ބަޔާންދިން މީހުންނާއި އަލީ ވަހީދާ ދެކޮޅަށް ހެކިބަސް ދޭން ބަޔާން ދިން މީހުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި ބަޔާންތައް އަނބުރާ ގެންދަން އެދި ފުލުހުންނަށް ތަކުރާރުކޮށް ސިޓީ ފޮނުވި ކަމަށެވެ. އެހެންވެ މައްސަލަ އަލުން މުރާޖައާ ކޮށްދޭން ފުލުހުން އެދުނު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.ޕީޖީ އޮފީހުން ބުނީ އެ މީހުންގެ ހެކިބަހާ ނުލައި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްތޯ ބަލައި ދިރާސާކުރި އިރު، މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ކަމަށް ވާތީ އެ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތު ކުރެވިދާނެ އެއްވެސް މަގެއް ނެތުމުން ދައުވާތައް ކުރިއަށް ނުގެންދިއުމަށް ނިންމައި، މައްސަލަ އަނބުރާ ގެނައީ ކަމަށެވެ.ދައުވާ އުފުލާފައި ވަނިކޮށް، ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް އަލީ ވަހީދު ވަޑައިގެންނެވި ގޮތަށް، ރާއްޖެ ވަޑައިނުގަންނަވަ އެވެ.އޭނާގެ އިސްތިއުނާފު މައްސަލައެއްގައި ސުޕްރީމް ކޯޓަށް ހާޒިރު ނުވުމުން އެ ކޯޓުން ވަނީ އޭނާ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައި ދެ މަހާއި 12 ދުވަހުގެ ހުކުމެއް އިއްވައިފަ އެވެ. އޭނާ ރާއްޖެ އަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏަސް އެކަމެއް ނުކުރެވުނެވެ.އަލީ ވަހީދަކީ ޖުމްހޫރީ ޕާޓީގެ ކުރީގެ ރައީސެވެ. އޭނާ މަގާމު ގެއްލުނީ އަސާސީ ގަވާއިދަށް ގެނައި ބަދަލާއެކު އެ މަަގާމު އުވާލުމުންނެވެ.